ސިޔާސީ , ޚަބަރު

އިހްތިޖާޖުތައް ފެށުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމައިފި

14 އޭޕްރީލް 2026 - 22:36
އިހްތިޖާޖުތައް ފެށުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމައިފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ހިންގާ ކޮމިޓީން އެދިފައިވާ އިސްލާހުތަކަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައި، އެކަމަށް ބާރުއެޅުމުގެ ގޮތުން އިހްތިޖާޖުތައް ފެށުމަށް އެ ޕާޓީން މިރޭ ނިންމައިފިއެވެ. މިކަން އިއުލާންކުރީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، މިނިވަން މުއައްސަސާތަކަށް ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމާއި، ބިޑަކާ ނުލައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަޝްރޫއުތައް ދެވޭ ގޮތަށް އޮތް އިސްލާހު މުރާޖިއާކުރުން ހިމެނެއެވެ. މީގެ އިތުރުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތް އިސްލާހު އުވާލައި މެންބަރުންނަށް މިނިވަންކަން ދިނުމަށާއި، ލާމަރުކަޒީ ނިޒާމު ހަނިވާ ގޮތަށް ފާސްކޮށްފައިވާ އިސްލާހުތައް ބަދަލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި، އިންތިހާބާ ދިމާކޮށް ހިންގި ކަންކަން ބެލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ގަވާއިދާ ހިލާފަށް ގޯތި ދޫކޮށްފައިވާ މައްސަލަތައް ބަލައި ޝަރީއަތަށް ފޮނުވުމަށާއި، ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަކުރުމަށް ވެސް އެ ޕާޓީން އެދިފައި ވެއެވެ. މީގެ އިތުރުން، މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޝަރުޢީ ދާއިރާ މިނިވަންކުރުމަށްޓަކައި ޖޭއެސްސީ އިސްލާހުކުރުމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުން މަގާމުން ވަކިކޮށް، އެ މަގާމުތަކަށް ގާބިލު ބަޔަކު އައްޔަންކުރުމަށް އެމްޑީޕީގެ ގަރާރުގައި ގޮވާލާފައިވެއެވެ. މި ގަރާރަކީ ގައުމީ ހިންގާ ކޮމިޓީގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކުރި ގަރާރެއް ކަމަށް މިކަން އިއުލާނު ކުރަމުން މެންބަރު މީކާއިލް ނަސީމް ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ބުނި ގޮތުގައި މި ގަރާރު ހުށަހަޅަން ނިންމީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން ހާމަވުމާ ގުޅިގެންނެވެ. މި އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ސިލްސިލާ އިހްތިޖާޖުތަކެއް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0