މިސަރުކާރުން ދަރަނި ނަގައިގެން ކުރާ ކަމެއް ފެންނާކަށް ނެތް: ނާޒިލް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މި ސަރުކާރުން ދަރަނި ނަގައިގެން ކުރާ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ.
ނާޒިލް ވިދާޅުވީ މި ސަރުކާރަކީ ކުރީގެ ސަރުކާރުން ލޯނު ނަގާ ކަމަށް ބުނެ ފާޑުކިޔަމުން ވެރިކަމަށް އައި ސަރުކާރެއް ނަމަވެސް، އެއްވެސް ސަރުކާރަކުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި ދަރަނި ނުނަގާ މިންވަރަށް މި ސަރުކާރުން ދަރަނި ނަގާފައިވާ ކަމަށެވެ.
"ދަރަނި ދައްކަން ވެސް ދަރަނި އެބަ ނަގާ. ދަރަނި ނަގައިގެން ކުރާ ކަމެއް ފެންނާކަށް ނެތް،" ނާޒިލް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެ ބަޖެޓުން ބޯހިޔާވަހިކަން ލިބުނު އެއްވެސް ރައްޔިތަކު ނެތް ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. އަދި ސޮއިކޮށް ބިންގާ އެޅި މަޝްރޫއުތައް ވެސް ކުރިއަށް ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހަރަދު ކުޑަކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ދީފައިވާ ލަފައާ އެއްގޮތަށް އަމަލުކުރާ ތަން ނުފެންނަ ކަމަށާއި، މިނިސްޓްރީތަކުން މީހުން ވަކިކުރި ނަމަވެސް ސަރުކާރު ކުންފުނިތަކަށް ނަގާ މުވައްޒަފުންގެ އަދަދު އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، ރިސޯޓުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކޮށްގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާ ކަމަށެވެ. އަދި ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރަން ފެންނަ ކަންކަން ރިޔާސީ ބަޔާނުގައި ހިމަނާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާޒިލް ވަނީ ދައުލަތުގެ މާލީ ތަފްސީލުތައް ސަރުކާރުން އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބެލެންސް، ބޭނުންކުރެވޭ ރިޒާވް، ޖުމްލަ ރިޒާވް އަދި ފޮރިން އެކްސްޗޭންޖު ރިޒާވްގައި ހުރި ފައިސާގެ ތަފްސީލުތައް ސާފުކޮށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ.






ރިއެކްޓް