ސިޔާސީ , ޚަބަރު

ރޮޒޭނާގެ އިލްތިމާސް: ކައުންސިލްތަކުގެ ނައިބު ރައީސްކަމާއި ޑެޕިއުޓީ މޭޔަރުކަމުގެ ފުރުސަތު އަންހެނުންނަށް ދީ

14 އޭޕްރީލް 2026 - 10:30
ރޮޒޭނާގެ އިލްތިމާސް: ކައުންސިލްތަކުގެ ނައިބު ރައީސްކަމާއި ޑެޕިއުޓީ މޭޔަރުކަމުގެ ފުރުސަތު އަންހެނުންނަށް ދީ

ކައުންސިލްތަކުގެ ނައިބު ރައީސްކަމާއި ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުތަކަށް އަންހެން ކައުންސިލަރުންނަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒޭނާ އާދަމް އިލްތިމާސްކުރައްވައިފިއެވެ.

ރޮޒޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) އޮތުމުން ގިނަ ބަޔަކަށް ހީވަނީ ކައުންސިލްތަކުގައި ތިބީ ހުސް އަންހެނުން ކަމަށެވެ. ނަމަވެސް ޑަބްލިއުޑީސީގެ މެންބަރުންނަކީ ކައުންސިލަރުން ނޫން ކަމަށާއި، ރަށުގެ ކަންކަން ނިންމުމުގައި ވޯޓުލުމުގެ ބާރު އެ މެންބަރުންނަށް ލިބިގެން ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބުގައިވެސް ގިނައިން ހޮވިފައިވަނީ ފިރިހެން ބޭފުޅުންކަން ފާހަގަކުރައްވަމުން ރޮޒޭނާ ވިދާޅުވީ، އެމްޑީޕީންވެސް އަންހެނުންނަށް ޚާއްސަ ގޮނޑިތަކުގެ ބޭރުން އަންހެނުން ކުރިމަތިލީ އެންމެ 8 ގޮނޑިއަށް ކަމަށެވެ. އަދި ހުރިހާ ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނަކީ ފިރިހެން ބޭފުޅުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އިލްތިމާޒަކީ ވީހާވެސް ގިނަ ކައުންސިލަކުން އަންހެން ކައުންސިލަރުންގެ ޝައުގުވެރިކަން އެކަމަށް ހުރި ކަމަށްވާނަމަ، ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު އަދާކުރުމުގެ ތަޖުރިބާ ކޮށްލުމަށް ފުރުސަތު ދެއްވުން،" ރޮޒޭނާ ވިދާޅުވިއެވެ.

މި މައްސަލައާ މެދު ހުރިހާ ބޭފުޅުންވެސް ޕޮޒިޓިވް ނަޒަރަކުން ދެކިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރޮޒޭނާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0