ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ހަ ކެޓަގަރީއަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން އަނެއްކާވެސް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ފުރުސަތު މިހާރު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ދީފައި ވަނީ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު މިދިޔަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހަމަވި ނަމަވެސް، ފަހުން އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރިއެވެ. ނަމަވެސް މިހާރު މިވަނީ އަނެއްކާވެސް އެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ހައުސިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މުއްދަތު އިތުރުކޮށްފައިވަނީ އަންނަނިވި ހަ ކެޓަގަރީއަކަށެވެ:
- ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫން ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، ފުލެޓު ހާވާލުކޮށްފައި ނުވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ.
- މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން.
- "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 1 ގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
- "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 2 ގެ ދަށުން، ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
- "ގޯތިގެދޮރު" ޕްރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ ބަންޑާރަ ގޯތި.
ސަރުކާރުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ މީހުންނަށް 1,500 ފްލެޓްގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ހިމެނެއެވެ.






ރިއެކްޓް