ވެލިދޫ ދާއިރާއިން ޕީއެންސީ ފެއިލްކޮށްލީ އެމްޑީއޭއިން: އައްބާސް
ލޯކަލް ކައުންސިލް އިންތިހާބުގައި ވެލިދޫ ދާއިރާއިން ސަރުކާރަށް ނޫނެކޭ ބުނި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނީ އެމްޑީއޭއިން ބޭނުންވެގެންކަމަށް ބުނެ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ސަރުކާރަށް ފާޑު ވިދާޅުވެެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އައްބާސް މިހެން ވިދާޅުވިއިރު އެމްޑީއޭއާއި ރައީސް މުއިއްޒުގެ ޕީއެންސީ މަސައްކަތްކޮށްފައިވަނީ ގުޅިގެންނެވެ. އަދި އެމްޑީއޭއިން ވަނީ ހިޔާލު ހޯދުމުގެ ވޯޓުގައިވެސް ސަރުކާރާ އެއްކޮޅަށް ތިބިކަން އިއުލާންކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެލިދޫއިން އެކަނިވެސް 60 ވަޒީފާދިން ކަމަށާއި އިންތިހާބުގެ އެއް ދުވަސް ކުރިން ގިނަ ޕްރޮމޯޝަންތަކެއްވެސް ދިން ކަމަށެވެ. އަދި ވެލިދޫ ދާއިރާއިން ސަރުކާރަށް މިއަދު ނޫނެކޭ ކީއްވެގެންތޯ ވިސްނަވާލަންޖެހޭކަމަށެވެ.
"ދެން ބުނަންވީ އެމްޑީއޭއަކަށް ހުރިހާ ގޮނޑިއެއް ނުލިބުނެއްނޫންތޯއޭ. އެމްޑީއޭއިން ކުރަން ބޭނުންވި ގޮތަށް އެކަން ނިންމާފަ އެހެރީ" އައްބާސް ވިދާޅުވި އެވެ.
އައްބާސް ފާހަގަކުރެއްވި ގޮތުގައި ވެލިދޫގެ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާކަމަށާއި ނ. ފޮއްދޫގައި ބަނދަރެއް ހަދަން ފަށާފައިވާ ކަމަށާއި ނަމަވެސް އެ ބަނދަރު ހެދެނީ 3 ބަނދަރު ހެދޭ ފައިސާއިން ކަމަށެވެ.
އައްބާސް ވިދާޅުވީ ރައީސް މުއިއްޒުގެ ކޮލިޓީ ފެނުނީ އެމްޑީއޭގެ ނައިބު ރައީސަކަށްހުރެ ކުރެއްވި މަސައްކަތްތަކުން ކަމަށާއި މި މަޖިލީހުގައި އަދިވެސް ރައީސަށް އެންމެ ހެޔޮއެދެނީ ތިމަންނަ ކަމަށެވެ.
ވެލިދޫ ދާއިރާގައި ހިމެނޭ ވެލިދޫ އަދި ފޮއްދޫއިން ޕީއެންސީއަށް ލިބުނީ އެންމެ ތިން ގޮނޑި އެވެ. ވެލިދޫގެ މެޖޯރިޓީ އެމްޑީޕީއިން ނެގި އިރު ފޮއްދޫގެ ގިނަ ގޮނޑި ކާމިޔާބު ކުރީ އެމްޑީއޭ އަދި އަމިއްލަގޮތުން ކުރިމަތިލި ފަރާތްތަކެވެ.






ރިއެކްޓް