މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޕީއެންސީއަށް ނިސްބަތްވާ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ.
މި މައްސަލައަކީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް އޮކްޓޫބަރު 2024 ގައި ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ދަށު ކޯޓުން ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން ސިނާންގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.
ހުކުމް އިއްވަވަމުން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ. އަދި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް، ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ވަކީލު އެ މައްސަލައިން ތަނާޒުލްވެފައިވާކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ދަށު ކޯޓުގެ ހުކުމުގައި ވަނީ ލޯނުގެ ފައިސާ ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ނިންމުމަށެވެ. ނަމަވެސް ސިނާންގެ ފަރާތުން އެ ފައިސާ އެއްކޮށް ދެއްކީ ތިން ވަނަ މަހު ކަމަށްވާތީ، ހުކުމުގައިވާ ގޮތަށް ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރު ދައްކާފައިނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާން ބުނި ނަމަވެސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.
މީގެ އިތުރުން، އެ ލޯނަކީ ރަހުނު ހިމެނޭ ލޯނަކަށް ވާތީ ގޮނޑި ނުގެއްލޭނެ ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ގޮނޑި ގެއްލުމުގެ މައްސަލައިގައި ރަހުނު ހިމެނޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެ ކަމަށެވެ. "ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމަކީ މެމްބަރުކަމުގެ ޝަރުތު އުނިވާނެ ކަމެއް" ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.






ރިއެކްޓް