ސިޔާސީ , ޚަބަރު

ސަރުކާރު ޓެކްސީ ލައިން ހިންގަނީ ގަވާއިދާ ހިލާފަށް: ޑްރައިވާސް އެސޯސިއޭޝަން

12 އޭޕްރީލް 2026 - 10:53
ސަރުކާރު ޓެކްސީ ލައިން ހިންގަނީ ގަވާއިދާ ހިލާފަށް: ޑްރައިވާސް އެސޯސިއޭޝަން

ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 'މާލެ ޓެކްސީ ލައިން' ގެ ނަމުގައި ފެށި ޚިދުމަތަކީ ކަނޑައެޅިފައިވާ ގަވާއިދުތަކާ ޚިލާފަށް ކުރިއަށްގެންދާ ޚިދުމަތެއް ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު ފެށި މި ޚިދުމަތާ ގުޅިގެން އެ ޖަމިއްޔާއިން ބުނީ، ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ އިންސާފުވެރިކަން ގެއްލި، ރެގިއުލޭޓް ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށެވެ.

ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަމިއްލަ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ހަރުކަށި އުސޫލުތަކުން ރެގިއުލޭޓްކޮށް ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުގެ ޓެކްސީ ޚިދުމަތް ދެމުންދަނީ 'ޓެކްސީ ގަވާއިދު' (ނަންބަރު: I-132/2022) ގެ 7 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގެ އެކި އަކުރުތަކާ ކަނޑައެޅިގެން ޚިލާފަށެވެ. މިފަދަ ބޭއިންސާފު އަމަލުތަކުގެ ސަބަބުން ރެގިއުލޭޓަރީ އޮނިގަނޑަށް އޮންނަ އިތުބާރު ގެއްލޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަދި ސަރުކާރުގެ އެޕްލިކޭޝަނެއް ތައްޔާރުވަންދެން ޚިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ އަމިއްލަ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭ ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

"ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ސީދާގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ،" ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ. އެ ޖަމިއްޔާއިން ބުނީ ޓެކްސީ ދާއިރާއަކީ އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައިވާ ދާއިރާއެއް ކަމަށެވެ.

މި މައްސަލައިގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭހެން ކަމާބެހޭ ހުރިހާ އިދާރާތަކުން، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީތަކާމެދުވެސް ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގައި އެސޯސިއޭޝަނުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0