ވަޅިއެއް ގެންގުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާ ގެންގުޅެފައިވަނީ މުއްގަނޑު ތެރެއަށް ތިލަ ލައްޕައިލެވޭ ބާވަތުގެ "ފްލިކް ނައިފް" އެކެވެ. މި ވަޅި ގެންގުޅުނު ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ ސީލިންގުގައި ހުރި ލައިޓެއް މަރާމާތު ކުރުމެވެ.
ނަމަވެސް، ކޯޓުން ނިންމާފައިވަނީ އެއީ އެފަދަ ވަޅިއެއް ގެންގުޅުމަށް އޮތް މަގްބޫލު ސަބަބެއް ކަމަށް ނުބެލެވޭ ކަމަށެވެ. ހާއްސަކޮށް، އޭނާގެ ހައްޔަރާއި ބަންދުގެ ރެކޯޑުތަކަށް ބަލާއިރު، ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ކުރެވިފައިވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، އެ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ބަޔާނާއި، ސީނަށް ދިޔަ ފުލުހުންގެ އިންސިޑެންޓް ރިޕޯޓާއި، އިންޓަލިޖެންސް ރިޕޯޓުގެ އިތުރުން އެ މީހާ ދިރިއުޅޭ ކޮޓަރިން ފެނުނު ވަޅީގެ ފޮޓޯ ހިމެނެއެވެ.
މި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.






ރިއެކްޓް