ގަޕޯގެ މައްސަލަ ނަގައި، އިބުރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށްފި
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސް، މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު މިރޭ އިޔާދަކޮށްފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގައި، ވަގުތީ ޗެއާޕާސަން ގަޕޯ ވަނީ އެ ދެ ބޭފުޅުންގެ މަގާމު އިޔާދަކުރިކަން އިއުލާން ކުރައްވާފައެވެ. ގަޕޯގެ ސިޓީއަކުން ކުއްލި ގޮތަކަށް އިބުރޭ އާއި މައުރޫފް މަގާމުން ވަކިކުރުމާ ގުޅިގެން، ގަޕޯ ވަގުތީ ޗެއާޕާސަންގެ މަގާމުން ވަކިކުރުމަށް 55 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅިއެވެ. ނަމަވެސް، ޕާޓީގެ ލީޑާޝިޕުން މިދިޔަ ދެތިން ދުވަހު ކުރި މަޝްވަރާތަކަށްފަހު އެ މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.
މަގާމުން ވަކިކުރުމާ ގުޅިގެން ކުރިން އިބުރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާއާ ހަވާލާދީ އޭނާ ވިދާޅުވީ، އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައި ތިބި މީހުންނަށް ދައުރު ހަމަވަންދެން މަގާމުގައި ދެމިތިބެވޭނެ ކަމަށެވެ. އަދި ގަޕޯގެ އެ ނިންމުމަށް ފާޑުވިދާޅުވަމުން "ގަޕޯ ރަނގަޅަށް މޮޔަވެއްޖެ"ކަމަށްވެސް އިބުރޭ ވިދާޅުވިއެވެ.
މިރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި ވަނީ މުހިންމު އިތުރު ނިންމުންތަކެއްވެސް ނިންމާފައެވެ. އެގޮތުން، ކުރީގެ ރައީސުންނަށް ގައުމީ މަޖިލިހުން ފުރުސަތު ދޭން ފާސްކުރުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ އެ މަޖިލިހުގެ ގޮނޑިއެއް ހަމަޖައްސާފައެވެ.
މީގެ އިތުރުން، އެމްޑީޕީ ހިންގުމާ ގުޅޭ ކަންތައްތަކުގައި ވަގުތީ ޗެއާޕާސަނަށް ލަފާ ދިނުމަށް ހަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
ކުރީގެ ރައީސް މުހައްމަދު ނަޝީދު،
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،
ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް،
ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ،
ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި
ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.
މި ވަގުތީ ކޮމިޓީ ދެމިއޮންނާނީ ޕާޓީއަށް ދާއިމީ ޗެއާޕާސަނަކު އައްޔަން ކުރެވެންދެން ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.






ރިއެކްޓް