ސިޔާސީ , ޚަބަރު

ދެ ރައީސުންނަށް އެމްޑީޕީގެ އެޑްވައިޒަރުކަމާއި ގައުމީ މަޖިލީހުގެ މެންބަރުކަން

11 އޭޕްރީލް 2026 - 23:07
ދެ ރައީސުންނަށް އެމްޑީޕީގެ އެޑްވައިޒަރުކަމާއި ގައުމީ މަޖިލީހުގެ މެންބަރުކަން

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ޕާޓީގެ އެޑްވައިޒަރުކަމާއި ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއްގައެވެ.

މިރޭގެ ބައްދަލުވުމުގައި ނިންމި އެންމެ މުހިއްމު އެއް ކަމަކީ، ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ ބޭފުޅުން ޕާޓީގައި ދެމިތިބޭހާ ހިނދަކު، އެ ބޭފުޅުންނަކީ ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސުމަށް ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ގެނައުމެވެ. މި އިސްލާހާ އެކު ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރު ވަނީ ހަމަޖެހިފައެވެ. މި ބަދަލަށް އަމަލުކުރަން ފެށި ނަމަވެސް، އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއަކުން މި އިސްލާހަށް ރުހުން ހޯދަން ޖެހޭނެއެވެ.

މީގެ އިތުރުން، ޕާޓީގެ ޗެއާޕާސަނަށް މުހިއްމު ކަންކަމުގައި ލަފާދޭނެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ ގައުމީ މަޖިލީހުގެ ދައުރާ ފުށުނާރާ ގޮތަށް، ޕާޓީގެ މުހިއްމު ނިންމުންތައް ނިންމުމުގައި ޗެއާޕާސަނަށް އެހީތެރިވެދިނުމެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  • ކުރީގެ ރައީސް މުހައްމަދު ނަޝީދު
  • ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
  • ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
  • ވަގުތީ ޗެއާޕާސަން މުހައްމަދު އަސްލަމް (ގަފޫރު)
  • ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް

މި ކޮމިޓީ ދެމިއޮންނާނީ ޕާޓީއަށް ދާއިމީ ޗެއާޕާސަނެއް އިންތިހާބުކޮށް، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވަންދެން ކަމަށް އެމްޑީޕީން "ވިރާސީ" އަށް  މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ޕާޓީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަން ހައްލުކޮށް، ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަކީ މި ބަދަލުތަކުގެ މައިގަނޑު މަގްސަދެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0