އެމްޑީޕީ ހިންގަން ފަޔާއާއި ދެ ރައީސުން ހިމެނޭ ވަގުތީ ކޮމިޓީއެއް
ވަގުތީ ޗެއާޕާސަން ގަޕޯ ހުށަހެޅުއްވި ގަރާރަކާއެކު ފާސްކުރި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި އިބްރާހިމް މުހައްމަދު ސޯލިހު ގެ އިތުރުން، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، އަދި ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެވެ.
ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނެތި މި ގަރާރު ފާސްކޮށް ޖަލްސާ ނިންމާލާފައިވއެވެ. މި ހަ މެމްބަރުންގެ ކޮމިޓީ ދެމިއޮންނާނީ ޕާޓީއަށް ދާއިމީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން ކަމަށް މައުލޫމާތު ލިބެއެވެ.
މިފަދަ ކޮމިޓީއެއް އެކުލަވާލާފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު، ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް، އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ފައްޔާޒާއި ރައީސް ނަޝީދަށް ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދިނުމާ ގުޅިގެން ޕާޓީ ތެރޭގައި ބޮޑު ކޯޅުމެއް ވަނީ އުފެދިފައެވެ.
މި މައްސަލަތަކުގެ ތެރެއިން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރުމާ ގުޅިގެން، ވަގުތީ ޗެއާޕާސަން ގަޕޯ މަގާމުން ވަކިކުރުމަށް ގައުމީ މަޖިލީހުގެ 55 މެމްބަރުންގެ ސޮޔާއެކު މީގެ ކުރިން ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދު އެކުލަވާލި ކޮމިޓީއާއެކު ޕާޓީގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް