ރިޔާސީ އިންތިހާބަށް ނިކުންނާނީ ހުރިހާ ލީޑަރުން އެކީގަ ތިބެގެން: ރައީސް ސޯލިހު
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުންނާނީ ޕާޓީގެ ހުރިހާ ލީޑަރުން އެކީގައި ތިބެގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޅ. ހިންނަވަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ އެތެރޭގައި ހުރި މައްސަލަތަކަށް މިހާރު ހައްލެއް ހޯދިފައިވާ ކަމަށެވެ. "އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މި ވަނީ މިކަމަށް ހައްލެއް ހޯދާފައި. އާންމު މެންބަރު އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑާޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނުއިރު ހޯދިއްޖެ،" ސޯލިހު ވިދާޅުވިއެވެ.
މީގެއިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ލީޑާޝިޕް އޮންނާނީ ބަދަހިކޮށް ކަމަށާއި، އެއްވެސް ލީޑަރަކު ބާކީ ނުވާނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހު ވިދާޅުވީ އިންތިހާބަށް ކުރިމަތިލާއިރު ޕާޓީގެ ހުރިހާ ލީޑަރުން އެކަތިގަނޑަކަށް ވެގެން ތިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ސޯލިހު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީގެ އެތެރޭގައި ބައެއް ހިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޢަފޫރު މޫސާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ގައުމީ މަޖިލިހަށްވަނީ ހުށަހަޅާފައެވެ.






ރިއެކްޓް