ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ އަހަރެއް ފަހުން ތާވަލުކޮށްފި
މި މައްސަލައަކީ ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައި، އެ މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ނިންމާފައިވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި މައްސަލަ ކޯޓުގައި މަޑުޖެހިފައި އޮތް މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެގޮތުން، މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމުގެ ވަގުތީ އަމުރަކަށް އެދިފައި ވަނިކޮށް، އޭރު ބެންޗުގައި ތިއްބެވި ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑް ކުރި އެވެ. އޭސީސީން ތަހުގީގެއް ކުރާ ކަމަށް ބުނެ އެ ފަނޑިޔާރުން ސަސްޕެންޑް ކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މައްސަލައިގައި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
މި މައްސަލައިގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް މަގާމުން ވަކިކޮށްފައިވާއިރު، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ މި މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސް މުއިއްޒު ނުފޫޒު ފޯރުއްވަމުން ގެންދަވާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ. މިހާރު މި މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު ހިމެނޭހެން ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރޭގައި މި ސަރުކާރުން އައްޔަންކުރި ހަތަރު ފަނޑިޔާރުން ހިމެނެ އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގައިވާ ގޮތުން، އިންތިހާބުވާ ޕާޓީ ބަދަލުކުރުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭނެ އެވެ. އަލީ ހުސައިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ "މި އިސްލާހަކީ ގާނޫނުއަސާސީގެ 4، 26، 75 އަދި 90 ވަނަ މާއްދާއާ ފުށުއަރާ، ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް" ކަމަށެވެ.
މި މައްސަލަ ހިނގަމުންދަނިކޮށް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ވެސް ފާސްކޮށްފަ އެވެ. ނަމަވެސް، 48 ގަޑިއިރު ތެރޭގައި ފާސްކުރި އެ ބިލު ރައީސް މުއިއްޒު އަދި ތަސްދީގެއް ނުކުރައްވަ އެވެ. އަންގާރަ ދުވަހު ބާއްވާ އަޑުއެހުމުގައި މި މައްސަލައިގެ މައުޟޫއީ ބަހުސްތައް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.






ރިއެކްޓް