ސިޔާސީ , ޚަބަރު

ގަޕޯ ވަކިކުރުމުގެ މައްސަލަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފި

8 އޭޕްރީލް 2026 - 21:10
ގަޕޯ ވަކިކުރުމުގެ މައްސަލަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފި
އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ (ގަޕޯ) ވަކިކުރުމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ ކަމާ މެދު ގޮތެއް ނިންމުމަށް ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ގައުމީ މަޖިލީހުގެ 123 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ސޮޔާއެކު މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިރޭ ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ގަފޫރު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން ހޯމަ ދުވަހު އޮންނާނެ ކަމަށެވެ. ނަމަވެސް، ބައްދަލުވުން ބާއްވާނެ ސީދާ ގަޑި އާއި ތަން ފަހުން އަންގާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. މި މެސެޖު ފޮނުވުމުގެ ކުރިން މިއަދު ހަވީރު ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ.

ގަޕޯ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް "ލީޑް ކުރައްވާ" ފެކްޝަނުންނެވެ. މި މައްސަލަ ފެންމަތިވީ ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވާ ގޮތަށް އެޖެންޑާގައި ނުހިމެނުމުން އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

މީގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައޫރުފު ވަކިކޮށް، ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކިކުރުމަކީ ވެސް މި މައްސަލަ އިތުރަށް ހޫނުވި ސަބަބެކެވެ. މި ބޭފުޅުން ވަކިކުރި ކަމުގެ ލިޔުމުގައި އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ. "ވިރާސީ" އަށް މައުލޫމާތު ލިބިފައިވާގޮތުގައި އަދި މައޫރުފު ވަކިކުރީ  ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބްރޭ ވަކިކުރުން ގަވާއިދާ ހިލާފު ކަމަށް ބުނުމުންނެވެ. 

ގަފޫރު ވަކިކުރުމަށް ހުށަހެޅި ލިޔުމުގައި ފައްޔާޒު އިސްމާއީލްގެ އިތުރުން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގައި ކުރިން ހަރަކާތްތެރިވި ރޮޒައިނާ އާދަމް އާއި މުހައްމަދު ނާޝިޒު ވެސް ވަނީ މި ލިޔުމުގައި ސޮއިކުރައްވާފަ އެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ވަނީ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ. ހޯމަ ދުވަހުގެ ބައްދަލުވުމަކީ ޕާޓީގެ އެތެރޭގެ މަސްލަހަތަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ބައްދަލުވުމެއް ކަމަށް ބެލެވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0