ސިޔާސީ , ޚަބަރު

ނުވަ މަސް ފަހުން ސިނާގެ ގޮނޑީގެ މައްސަލާގެ ހުކުމް އިއްވަނީ

8 އޭޕްރީލް 2026 - 19:09
ނުވަ މަސް ފަހުން ސިނާގެ ގޮނޑީގެ މައްސަލާގެ ހުކުމް އިއްވަނީ

އަޑުއެހުންތައް ނިންމާލިތާ ނުވަމަސްފަހުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް، އަންނަ އާދިއްތަ ދުވަހު އިއްވުމަށް އެ ކޯޓުން ތާވަލުކޮށްފިއެވެ. 

މި މައްސަލައިގެ ހުކުމް އިއްވުން މިހާ ލަސްވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް މި ލަސްވުމަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއީދު ކުޑަވެދާނެތީ އައި ލަސްކަމެއް ކަމަށް އިނދިކޮޅުފަރާތްތަކުން ތުހުމަތުކުރެއެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ޣާލިބް ސަލީމް ނަމަކަށް ކިޔާ މީހެކެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް، އޭގެ ފަހުން ދިގު މުއްދަތެއް ވޭތުވެފައިވާއިރު، ކޯޓުން މިހާރު ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މި މައްސަލައިގެ ހުކުމް އިއްވާނެކަން އިއުލާނުކޮށްފައެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. މި ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫންއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާނަމަ، އެ މެމްބަރެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ. އެހެންކަމުން އާދިއްތަ ދުވަހު ކުރާ ހުކުމަކީ ސިނާންގެ މެމްބަރުކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ގޮތެއް ނިންމާނެ މުހިންމު ހުކުމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0