ސިޔާސީ , ޚަބަރު

ގަޕޯގެ އިތުބާރު ނެތް ކަމުގެ މައްސަލަ 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި

8 އޭޕްރީލް 2026 - 14:25
ގަޕޯގެ އިތުބާރު ނެތް ކަމުގެ މައްސަލަ 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީގެ ގައުމީ މަޖިލިހުގެ 55 މެމްބަރުންގެ ސޮޔާއެކު  ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ގަޕޯ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދިއެވެ.

"ވިރާސީ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި ގައުމީ މަޖިލީހުގެ 65 މެމްބަރުންގެ ވޯޓުން މި މަގާމަށް އިންތިހާބުކުރި ގަޕޯ ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރު ވަނީ ހަމަކޮށްފައެވެ. އޭގެތެރޭގައި ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނޭ ކުރީގެ ޗެއާޕާސަނުންވެސް ވަނީ ސޮއިކޮށްފައެވެ. އެމްޑީޕީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ގައުމީ މަޖިލީހުގެ 10 މެމްބަރުން ސޮއިކޮށް ހުށަހަޅައިފިނަމަ ޖަލްސާއެއް ބޭއްވުން ލާޒިމްވާ އިރު، ސިމްޕަލް މެޖޯރިޓީން ޗެއާޕާސަން މަގާމުން ވަކިކުރެވޭނެއެވެ.

ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވެފައިވަނީ، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރި ކަމަށް ބުނެ ގަޕޯ ސޮއިކުރައްވައި ސިޓީ ފޮނުއްވި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މި ސިޓީގައި އެ ބޭފުޅުން ވަކިކުރި ސަބަބެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

މިކަމާ ގުޅިގެން އިބުރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށް ވިދާޅުވެ އިބުރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން އިތުރަށް ގޯސްވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ދިނުމަށްފަހު ފަހުން އެ އައިޓަމް އެޖެންޑާއިން އުނިކުރުމާ ގުޅިގެންނެވެ. އެ މައްސަލާގައި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ޖަލްސާ ބޮއިކޮޓްކުރި ނަމަވެސް، ގަޕޯ ވިދާޅުވީ އެއީ މަސްލަހަތު ގެއްލޭ ގޮތަށް ފެތުރި ވާހަކަތަކެއް ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ގަޕޯ ވަގުތީ ޗެއާޕާސަން ކަމަށް އައީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގަޕޯ އިންތިހާބުވީ ވެސް 65 ވޯޓުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0