ޕީއެންސީގެ ކެމްޕެއިނަށް މެދުކަނޑާލި މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފަށަނީ
ވެރިކަން ކުރާ ޕީއެންސީ ސަރުކާރުން ހުށަހެޅި ހިޔާލު ހޯދުމުގެ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުހޯދުމަށް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި އަލުން ފެށުމަށް ތާވަލު ކޮށްފިއެވެ.
ސަރުކާރާއި މަޖިލިސް ހުއްޓުވައިގެން ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް ކެމްޕޭނަށް ވަގުތު ދިން ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީ ވަނީ މި ދެ ވޯޓުންވެސް ލަދުވެތިކޮށް ބަލިވެފައެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާރިޗު މަހުގެ އަށް ވަނަ ދުވަހުއެވެ.
މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލީ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެންނެވެ. އޭގެ ފަހުން މަޖިލީހުގެ ޗުއްޓީއަކަށް ނުވިނަމަވެސް އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ، ޖަލްސާ ނުބާއްވާ ވަކި ސަބަބެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ އިދާރާއިން މައުލޫމާތުދޭގޮތުގައި، މި އަހަރުގެ ފުރަތަމަ ދައުރުގެ ހަ ވަނަ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.
އަންނަ ހަފުތާގައި ޖަލްސާތައް ފެށުމަށް ނިންމާފައިވީ ނަމަވެސް، ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލުކުރާނެ މަސައްކަތްތަކުގެ ތަފުސީލެއް މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.
މަރުގެ އަދަބު ދިނުމާ ގުޅޭ ބިލަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނީ އަހަރަކު ތިން ދައުރަކަށް ބަހާލައިގެންނެވެ. މިހާރު ކުރިއަށްދާ ފުރަތަމަ ދައުރު އަންނަ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދައުރު އިތުރު ކުރަން ބޭނުންވެއްޖެ ނަމަ، އެކަން ކުރެވޭނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
މަޖިލީހުގެ ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ މެދަކާ ހަމައަށް ކުރިއަށްދާއިރު، ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.






ރިއެކްޓް