ގަޕޯ ރަގަޅަށްވެސް "މޮޔަވެއްޖެ": އިބުރޭ
އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ހަވީރު އެ މަގާމުން ވަކިކޮކުރުމާއި ގުޅިގެން އިބުރޭ ވަނީ ޕާޓީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އިބުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ޕާޓީގެ ސެކްރެޓޭރިއަޓުން އަންގާފައިވާ ކަމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި އިބުރޭ ވިދާޅުވީ މިކަންތައް މިގޮތަށް ކުރައްވާތީ "ގަޕޯ ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އިބުރޭ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ކަމަށެވެ. އަދި އެ މާއްދާގެ ދަށުން އިބުރޭ މަގާމުން ވަކިކުރުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އިބުރޭގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފުވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކުރި ސީދާ ސަބަބެއް ޕާޓީން ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.






ރިއެކްޓް