ބޮޑު ދަޢުވާއަކުން ސަލާމަތްވުމަށް ވަކިގޮތަކަށް ވޯޓުދިނުމަށް ޖޭއެސްސީގެ ނާއިބުރައީސް އަންގާ އޯޑިއޯއެއް ލީކުވެއްޖެ
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވަކި ގޮތަކަށް ވޯޓުދީގެން ޑުރަގުގެ ބޮޑު ދަޢުވާއަކުން ސަލާމަތްވާނެ ގޮތް ޖުޑީޝަލް ސާރވިސްއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު ޔަޒްމީދު މުހައްމަދު ކިޔައިދޭ އޯޑިއޯ ރިކޯޑިންގ އެއް ލީކުވެއްޖެއެވެ.
ޖޭއެސްސީގެ ނާއިބުރައީސްކަންވެސް ކުރައްވާ ޔަޒްމީދުގެ ލީކުވެފައިވާ އޯޑިއޯ ރިކޯޑިންގައި އޭނާ ވަނީ ވެރިކަންކުރާ ޕީއެންސީއަށް ވޯޓުނުދިނުމަށް އޭނާއާއި ވާހަކަދެއްކި އެހެން މީހެއްގެ ގާތުގައި ތަކުރާރުކޮށް އެދިފައެވެ. އަދި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ޕީޖީއާއި ހަމައަށް ނުގޮސް ނިމިދާނެ ކަމަށާއި "އެމީހުންނަށްޓަކައިވެސް ޕީއެންސީއަށް ނޫނެކޭ ބުނަންޖެހޭ" ކަމަށް ޔަޒްމީދު ބުނެފައިވެއެވެ.
ޔަޒްމީދުގެ ވާހަކައިން އެނގޭ ގޮތުގައި އޭނާ އެ އިޝާރާތްކުރާ ބޮޑު މައްސަލައަކީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ހައްޔަރުކުރި 4 މީހެއްގެ ވާހަކައެވެ. އެމީހުންގެ އެކައުންޓުތަކުން 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ އިތުރުން 4 ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަމަށް އޭރު ފުލުހުން ވަނީ ހާމަކޮށްފައެވެ.
"ޕީއެންސީއަށް ނޫނެކޭ ބުނަންވީ ވަގުތަކީ މިއީ ކަމަށާއި ފާއިތުވީ ތިން އަހަރުގައި ޕާޓީގެ ތިން މީހުން ތިބެގެން ކުރެވުނު ރަނަގަޅު އެއްކަމެއްވެސް ނެތް ކަމަށް" ބުނަމުން ޔަޒްމީދުވަނީ ޕީއެންސީ ސަރުކާރުން މަސައްކަތް ކުރަނީ "ވަރަށް ޖަނަވާރުކޮށް" ކަމަށް ބުނެފައެވެ. އަދި ޚުދު ރައީސް ޑރ މުޢިއްޒުވެސް ކައުންސިލްގެ ގޮނޑިތައް މުހިއްމުވެގެން ނޫޅުއްވާ ކަމަށާއި ހަމައެކަނި އަހަމިއްޔަތުކަމެއް ދެނީ "ފެންނަ ނުފެންނަ ވޯޓަށް" ކަމަށާއި އެ ވޯޓުގައި ނޫނެކޭ ބުނުމަކީ ޕީއެންސީއަށް ނޫނެކޭ ބުނުން ކަމަށް ޔަޒްްމީދު ސިފަކުރިއެވެ.







ރިއެކްޓް