ހައްޔަރުކުރި މީހުންގެ އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ ފަސް އަހަރު ދައުރުކޮށްފައިވޭ: ފުލުހުން
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގއ. އަތޮޅުން ހައްޔަރުކުރި މީހުންގެ ބޭންކް އެކައުންޓުތަކުގައި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ހާމަކުރި ތަފުސީލުތަކުގައިވާ ގޮތުން، މި މީހުންގެ އެކައުންޓުތަކުން 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ އިތުރުން 4 ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވެ އެވެ. މި މައްސަލައިގައި މިހާރު ފުލުހުންގެ ބަންދުގައި ތިބި މީހުންގެ ތެރެއިން ތިން މީހެއްގެ އެކައުންޓުތަކުގެ ތަފުސީލުވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، މިހާރު ފުލުހުންގެ ބަންދުގައި ހުރި ގއ. ވިލިނގިލި، މިޔުޒިކީއާގެ، އަހުމަދު މަދީހުގެ ބޭންކް އެކައުންޓުތަކުގައި 17.1 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ. އަދި ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމްގެ އެކައުންޓުތަކުގައި 38.8 މިލިއަން ރުފިޔާ ދައުރުކޮށްފައިވާއިރު، ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހް ލަތީފްގެ އެކައުންޓުތަކުގައި 6.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން 13 ފަރާތެއްގެ 53 ބޭންކް އެކައުންޓު ފްރީޒްކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ނަމަވެސް، މި މީހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންނަކީ:
- ޝައްފާޙް ލަޠީފް (ގއ. ވިލިނގިލި / ޝެވޯނާ)
- އަޙްމަދު މަދީޙު (ގއ. ވިލިނގިލި / މިޔުޒިކީއާގެ)
- އަޙްމަދު އަނާމް އިބްރާހީމް (ގއ. ވިލިނގިލި / އައިޒަން)
- ނޫރުއްނިޡާމް، 35އ (ގއ. ވިލިނގިލި / އަރާއިރުގެ)
މި މައްސަލައިގައި ހިމެނޭ މީހުންގެ ނޫރުއްނިޡާމް ފިޔަވައި އެންމެން ޝަރީއައަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ މުއްދަތު ދީފަ އެވެ. ނޫރުއްނިޡާމްގެ ބަންދަށް ދިނީ 15 ދުވަހެވެ.






ރިއެކްޓް