ހަރަދު ކުޑަކުރަން ޕީޖީ އޮފީހުން އަންގާރަ ދުވަހު ގޭގައި މަސައްކަތް ކުރަނީ
މެދުއިރުމަތީގެ ހަނގުރާމައާ ހެދި ކުރިމަތިވަމުންދާ އިގުތިސާދީ ގޮންޖެހުންތަކާ ގުޅިގެން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ މުވައްޒަފުން ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިގުތިސާދީ މައްސަލަތަކަށް ރިއާޔަތްކޮށް ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހަކީ އެ އޮފީހުގެ މަސައްކަތްތައް މުވައްޒަފުން ގޭގައި ތިބެގެން ކުރާ ދުވަހަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، އޮފީހަށް ހާޒިރުވާ ދުވަސްތަކުގައި ވެސް މެންދުރުފަހު 2:00 ގެ ފަހުން މަސައްކަތްތައް ކުރާނީ ގޭގައި ތިބެގެން ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.
އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭ މަސައްކަތްތައް ކުރުމަށް މުވައްޒަފުން އޮފީހަށް ހާޒިރުވާނެއެވެ. އަދި ކޯޓު އަޑުއެހުންތަކަށް ވެސް ގަވާއިދުން ހާޒިރުވަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، "ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެ ކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ" ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން އޮފީހުގެ މަސައްކަތްތަކަށް އެއްވެސް ލަސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް އެ އޮފީހުން ދެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި އޮފީހުގެ ވެހިކަލްތައް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެއެވެ. މި ފިޔަވަޅުތައް އަޅަން ޖެހުނީ އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ދަތިތަކާއި، ދުނިޔޭގެ އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެންނެވެ.






ރިއެކްޓް