މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ: ރައީސް ނަޝީދު
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ނުލިބުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިތްދަތިވިކަން ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިރޭ އާޓީފިޝަލް ބީޗުގައި ބާއްވާ ޖަލްސާއާ ގުޅިގެން އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި ވިދާޅުވީ، "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ. މިރޭގެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ނުދޭން ޕާޓީގެ ލީޑަޝިޕުން ނިންމާފައިވާކަން އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޕާޓީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އިއްޔެ ގުޅުއްވައި ޖަލްސާގައި ވާހަކަދެއްކުމަށް އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް، ފަހުން ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމި ހަބަރު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. "ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށް އަޅުގަނޑަށް ފުރުސަތު ނުދެއްވި ނަމަވެސް ރައީސް ނަޝީދަށް ދިނުން ކުރިމަގަށް މުހިންމު ކަމަށް ފެނޭ،" ފައްޔާޒްގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ.
މި ނިންމުމާ ގުޅިގެން ރައީސް ނަޝީދާއި ފައްޔާޒްގެ ސަޕޯޓަރުން އަންނަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ސަޕޯޓަރުންނާއި އިސް އެކްޓިވިސްޓުން ވަނީ މިރޭގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން، ނަޝީދަށް ތާއީދުކުރާ ލޫކަސް ޖަލީލް ބުނީ ނަޝީދަށް ފުރުސަތު ނުދޭތީ ޖަލްސާއަށް ނުދާން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ އިސް އެކްޓިވިސްޓުން ފާހަގަކުރާ ގޮތުގައި ވަކިވެގަތުމަކީ ޕާޓީއަށް ލިބޭނެ ނިކަމެތިކަމެކެވެ. އަދި އިންތިހާބުގައި ލިބުނު ކާމިޔާބީއަކީ އެންމެން އެކުގައި ކުރި މަސައްކަތެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މި މައްސަލައިގައި ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، މިއީ ޕާޓީގެ ކުރިމަގަށް ކުރާނެ އަސަރާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.






ރިއެކްޓް