ސިޔާސީ , ޚަބަރު

ރައްޔިތުންދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދިނުމަކީ އެމްޑީޕީގެ ޒިންމާއެއް: ފައްޔާޒް

6 އޭޕްރީލް 2026 - 23:38
ރައްޔިތުންދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދިނުމަކީ އެމްޑީޕީގެ ޒިންމާއެއް: ފައްޔާޒް

ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ޕާޓީގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ރައްޔިތުން ދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ހިފެހެއްޓުމަކީ އެމްޑީޕީގެ މައްޗަށް އޮތް ބޮޑު ޒިންމާއެއް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ނުދޭން ނިންމުމާ ގުޅިގެން، ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް ފައްޔާޒް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ފެނިގެންދިޔައީ ގާނޫނުއަސާސީގެ ހިމާޔަތުގައާއި ޑިމޮކްރަސީގެ ދިފާއުގައި ދިވެހި ރައްޔިތުން ސާބިތުކަމާއެކު ތިބިކަން ކަމަށެވެ. އަދި މި މަސައްކަތުގައި ޕާޓީގެ މެންބަރުން ދެއްކެވި އާދަޔާ ހިލާފު ގަދަ ހިތްވަރަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓުގައި 70 އިންސައްތަ ރައްޔިތުން މި ސަރުކާރަށް "ނޫނެކޭ" ބުނެފައިވާ ކަމަށެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މެންޑޭޓެއް މިހާރު ސަރުކާރަށް ނެތް ކަމަށާއި، މިހާރު ގެނެސްފައިވާ ބަދަލުތައް ވެސް އަނބުރާ ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، "ޒަމާނުއްސުރެ ދައުލަތް ހިންގުމުގެ ނިޒާމަށް ދިވެހިން ގެންނަން ބޭނުންވެފައި ތިބި ބަދަލުތަކުގެ ކަރުދާހަކާއެކު އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ދާނަން" ކަމަށެވެ. އަދި އެ ބަދަލުތައް ގެންނާނީ ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދައިގެން ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ރައްޔިތުން އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެ ޕާޓީއާ މެދު އަދިވެސް އުންމީދެއް އޮތުމުން ކަމަށެވެ. "މިފަހަރު ރައްޔިތުންދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް،" އޭނާ ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ އިތުބާރު އަލުން ހޯދަން ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
މިރޭގެ ޖަލްސާގެ މައްސަލަ ހޫނުވެ އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި އެކްޓިވިސްޓުން ވަނީ ޖަލްސާ ބޮއިކޮޓްވެސް ކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0