ސިޔާސީ , ޚަބަރު

އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާއިން ރައީސް ނަޝީދާއި ފައްޔާޒު ބާކީކޮށްފި

6 އޭޕްރީލް 2026 - 21:07
އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާއިން ރައީސް ނަޝީދާއި ފައްޔާޒު ބާކީކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން މިރޭ ބާއްވާ ހާއްސަ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުދީ ބާކީކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފައްޔާޒް ވަނީ އެމްޑީޕީގެ ލީޑަޝިޕް ގްރޫޕަށް މެސެޖެއް ފޮނުއްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފައްޔާޒް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޖަލްސާގައި ވާހަކަދެއްކުމަށް ޕާޓީގެ ޗެއާޕާސަން އެދިވަޑައިގަތުމުން އެކަމަށް ތައްޔާރުވެވަޑައިގެން ހުންނަވަނިކޮށް، އޭނާއާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން ބޭރުތެރެއިން އެނގިވަޑައިގެންފައިވާ ކަމަށެވެ. "ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށްޓަކައި އޭނާއަށް ފުރުސަތު ނުދެއްވި ނަމަވެސް، ރައީސް ނަޝީދަށް އެ ފުރުސަތު ދިނުމަކީ ޕާޓީގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވަން" ފައްޔާޒް ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި އެކްޓިވިސްޓުން ދަނީ ޖަލްސާ ބޮއިކޮޓް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ އެކްޓިވިސްޓް ލޫކަސް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭތީ މިރޭ އެމްޑީޕީގެ ކާމިޔާބު ފާހަގަކުރަން ބާއްވާ ޖަލްސާއަށް ނުދާން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް ޗާލީ ތުއްތު ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ފައްޔާޒާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭތީ ޖަލްސާއަށް ދެވެން ނެތް ކަމަށާއި، ވަކިވެގަތުމަކީ ނިކަމެތިކަމެއް ކަމަށެވެ. އަދި މިއީ އެންމެން އެކުގައި ކުރި މަސައްކަތެއްކަން އޭނާ ފާހަގަކުރިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އޭނާއަށް ފުރުސަތު ދިނުމުން މައްސަލަ ޖެހިދާނެތޯ ކުރިން ވެސް ޗެއާޕާސަން އަރިހުން އެއްސެވި ކަމަށާއި، ނަމަވެސް އެއީ ޗެއާގެ ނިންމެވުމެއް ކަމަށް އޭރު ވިދާޅުވި ކަމަށެވެ. މި ހުރިހާ ހިތްހަމަނުޖެހުންތަކަކާއެކު ވެސް، ފައްޔާޒް ވަނީ އެމްޑީޕީގެ ޖަލްސާއަކީ ކާމިޔާބު ޖަލްސާއަކަށް ވުމަށް އެދިވަޑައިގެންފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0