ފައްޔާޒް އެދިވަޑައިގަތީ އޭނާއަށް ފުރުސަތު ނުދިނަސް ރައީސް ނަޝީދަށް ފުރުސަތު ދޭން
ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމުމާ ގުޅިގެން، ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ފައްޔާޒް ވަނީ އެމްޑީޕީގެ ލީޑަޝިޕް ގްރޫޕަށް މެސެޖެއް ފޮނުއްވާފައެވެ.
ފައްޔާޒް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޖަލްސާގައި ވާހަކަދެއްކުމަށް ޕާޓީގެ ޗެއާޕާސަން އެދިވަޑައިގަތުމުން އެކަމަށް ތައްޔާރުވެވަޑައިގެން ހުންނަވަނިކޮށް، އޭނާއާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން ބޭރުތެރެއިން އެނގިވަޑައިގެންފައިވާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށްޓަކައި އޭނާއަށް ފުރުސަތު ނުދެއްވި ނަމަވެސް، ރައީސް ނަޝީދަށް އެ ފުރުސަތު ދިނުމަކީ ޕާޓީގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި އެކްޓިވިސްޓުން ދަނީ ޖަލްސާ ބޮއިކޮޓް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ އެކްޓިވިސްޓް ލޫކަސް ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ރައީސް ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭތީ މިރޭ އެމްޑީޕީގެ ކާމިޔާބު ފާހަގަކުރަން ބާއްވާ ޖަލްސާއަށް ނުދާން ނިންމައިފި" ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް ޗާލީ ތުއްތު ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ފައްޔާޒާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭތީ ޖަލްސާއަށް ދެވެން ނެތް ކަމަށާއި، ވަކިވެގަތުމަކީ ނިކަމެތިކަމެއް ކަމަށެވެ. އަދި މިއީ އެންމެން އެކުގައި ކުރި މަސައްކަތެއްކަން އޭނާ ފާހަގަކުރިއެވެ.
މި މައްސަލައިގައި ފައްޔާޒް ފޮނުވި މެސެޖުގައި އިތުރަށް ވިދާޅުވީ، އޭނާއަށް ފުރުސަތު ދިނުމުން މައްސަލަ ޖެހިދާނެތޯ ކުރިން ވެސް ޗެއާޕާސަން އަރިހުން އެއްސެވި ކަމަށާއި، ނަމަވެސް އެއީ ޗެއާގެ ނިންމެވުމެއް ކަމަށް އޭރު ވިދާޅުވި ކަމަށެވެ. ފައްޔާޒް ވަނީ މި ހުރިހާ ކަމަކާއެކު ވެސް އެމްޑީޕީގެ ޖަލްސާއަކީ ކާމިޔާބު ޖަލްސާއަކަށް ވުމަށް އެދިވަޑައިގެންފައެވެ.






ރިއެކްޓް