ސިޔާސީ , ޚަބަރު

މަސްދަޅުގެ އަގަށް ބަދަލު ގެނައުން ފަސްކޮށްފި

6 އޭޕްރީލް 2026 - 19:47
މަސްދަޅުގެ އަގަށް ބަދަލު ގެނައުން ފަސްކޮށްފި

މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު މުރާޖައާކޮށް، އަގު ބޮޑުނުކޮށް ކުރީގެ އަގުގައި ވިއްކުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިފްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއާއެކު މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50 ރުފިޔާއަށް އަދި ތެޔޮމަސްދަޅު ކޭހެއް 760 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިކަމާ ގުޅޭގޮތުން ނަން ހާމަނުކުރުމަށް އެދި "ވިރާސީ"އަށް މައުލޫމާތު ދިން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މަސްދަޅުގެ އަގަށް ބަދަލު ގެނައުމަށް ކުރިން ނިންމީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ކަމަށެވެ. ނަމަވެސް، އޭރު ސަރުކާރުން ވަނީ މި ބަދަލު އިންތިހާބުގެ ފަހަށް ޕްލޭން ކުރުމަށް އަންގައި އަގު ބޮޑުކުރުން ލަސްކޮށްފައެވެ.

އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، މިފަދަ ބަދަލެއް ގެނައުމުން ސަރުކާރުގެ "މަގުބޫލުކަން" އިތުރަށް ކުޑަވެދާނެތީ ސަރުކާރުން އެދިގެން މި ބަދަލު އަނެއްކާވެސް އަނބުރާ ގެނައީއެވެ.

މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އަގަށް ގެނައި ބަދަލު އަނބުރާ ގެނައުމަކީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ސިފަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0