ސިޔާސީ , ޚަބަރު

އިންޑިއާ ކަނޑުގެ އަސްކަރީ ތަމްރީނު ހަރަކާތެއް ރާއްޖޭގައި ފަށަނީ

6 އޭޕްރީލް 2026 - 12:08
އިންޑިއާ ކަނޑުގެ އަސްކަރީ ތަމްރީނު ހަރަކާތެއް ރާއްޖޭގައި ފަށަނީ

ގިނަ ގައުމުތަކަކާ އެކު އިންޑިއާ ކަނޑުގެ ސިފައިން ކުރިއަށްގެންދާ ބޮޑު ތަމްރީނު ހަރަކާތެއް ރާއްޖޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ތަމްރީނުތަކުގައި ބައިވެރިވުމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު، އައިސޯއެސް ސާގަރު މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، މި ތަމްރީނު ހަރަކާތުގައި ބައިނަލްއަގްވާމީ 39 ކްރޫއިން ބައިވެރިވެއެވެ. މި މަނަވަރު ރާއްޖެއަށް އައުމާ ގުޅިގެން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާ ހިމެނޭހެން ޖުމްލަ 16 ގައުމަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ، ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، މިޔަންމާ، ސިންގަޕޫރު، ތައިލެންޑް، ސީޝެލްސް، ކެންޔާ، މޮރިޝަސް، މޮޒަންބީކް، ސައުތް އެފްރިކާ، ތަންޒޭނިއާ އަދި ބަންގްލަދޭޝް ހިމެނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ކަނޑުމަތީގެ ތަފާތު ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންތަކާއި، މީހުން ސަލާމަތްކުރުމުގެ ނުވަތަ ރެސްކިއު އޮޕަރޭޝަންތައް ހިމެނޭ ކަމަށް ހައިކޮމިޝަނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި ތަމްރީނުތަކުގައި ބައިވެރިވާ ފަރާތްތަކުން މާލެ ސަރަހައްދުގެ އެކި ތަންތަނަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0