އިންތިހާބުގައި ރައީސްގެ އަރިސް ބޭފުޅުންގެ ދާއިރާތަކުންވެސް ނިކަމެތިކަން
ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެކެވެ. ސަރުކާރުން ފުރިހަމަ އާރާއި ބާރު ބޭނުންކޮށް އިންތިހާބަށް ނުފޫޒު ފޯރުވަމުންދަނިކޮށް ރައްޔިތުން ވަނީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް ސީދާ ނޫނެކޭ ބުނެ، ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ނުރުހުން ފާޅުކޮށްފައެވެ.
މި އިންތިޚާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި، އެ ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްކަން އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި މާލެ، އައްޑޫ އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ. މީގެ އިތުރުން ރަށު ކައުންސިލްތަކުގެ ރައީސުންގެ ގިނަ ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީން 70 ރަށެއްގެ ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، ސަރުކާރު ހިންގާ ޕީއެންސީން ރާއްޖޭގެ ހުރިހާ ގޮނޑިއަކަށް ވާދަކޮށްގެން ލިބިފައިވަނީ 69 ރަށެއްގެ ރައީސްކަމުގެ ގޮނޑި އެވެ. އިންތިހާބަކާ ނުލައި ލިބުނު ބާރަށު ކައުންސިލް ރައީސްކަމާއެކު ޖުމުލަ 70 ރަށެވެ.
މި އިންތިހާބުގައި ސަރުކާރު އެންމެ ބޮޑަށް ލަދުގަންނަވާލީ ފެންނަ ނުފެންނަ ވޯޓުންނެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެެޅުމަށް ތާއިދުކުރީ 67،137 (%31.48) މީހުންނެވެ. އަދި ދެކޮޅަށް 146,112 (%68.52) މީހުން ވަނީ ވޯޓު ދީފަ އެވެ. ފާހަނގަ ކޮށްލެވޭ އަނެއްކަމަކީ ރައީސްގެ އެންމެ އަރިސް ވަޒީރުންނާއި ބޭފުޅުންގެ އަމިއްލަ ދާއިރާތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
މައްޗަންގޮޅި އުތުރު ދާއިރާ
ސަރުކާރުތެރެއިން ރައީސް އާއި އެންމެ އެކުވެރި "މިތުރަކަށް" ފެނިގެންދަނީ ހަމަ ޔަގީނުންވެސް ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާނުވެ "ފެއިލް"ވީމަވެސް މިތުރަށް ހަމަ މިނިސްޓަރުކަން ނޫން އެހެން ލަގަބެއް ނުދޭންވެގެން މިނިސްޓްރީވެސް ބަދަލު ކޮށްލެއްވިއެވެ. މާލޭގެ ހިތް ކަމަށްވާ މައްޗަންގޮޅި އުތުރު (T7) އަކީ ހައިދަރުގެ ދާއިރާއެވެ. ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާއިރު، އެ ވައުދު ފެއިލް ކޮށްލިތާނގަ އަމިއްލަ އަވަށުން ނެގި ވޯޓުންވެސް ސަރުކާރު ފެއިލް ކޮށްލީއެވެ.
އައްޑޫ ސިޓީ ފޭދޫ
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަކީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ބޭފުޅާއޭވެސް ބުނެވިދާނެ އެވެ. ރިޔާސީ އިންތިހާބުގެ ދުވަސް ވަރު "ބޭރު ކަނޑުގައި ދުއްވާފައި" ރައީސް ކަމަށް މުއިއްޒު ހޮވުމުން "ފުންމާލި" ގޮތް ނޭގޭ ވަރުގަދަ ވެރިއެކެވެ. މި ވަރުގަދަ ގުޅުމުގެ ފަހަތުގައިވަނީ "ސިއްރު ވިޔަފާރިއަކުން" ގަތް ދައުލަތުގެ ބޮންޑު ލިބުނު "ކަޓު" ކަމުގައި ވެދާނެކަމަށް ޕީއެންސީގެ ގިނަ މެމްބަރުން ބުނެއެވެ. ބިމެއްގެ ބޭނުމުގައި ބައި ބައި ކުރަން މަސައްކަތް ކުރި އައްޑޫ ސިޓީގެ ފޭދޫ ދާއިރާތަކުން ވެސް ސަރުކާރަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. ރިޔާސީ އިންތިހާބުގައި ލިބުނު ވޯޓުގެ ބައިކުޅަބައިވެސް ނުލިބުނެވެ. ފޭދޫ ރައްޔިތުން ވޯޓުން "ނޫނެކޭ" ބުނެ ފޮށިތައް ފުރާލިއެވެ.
ފަރެސްމާތޮޑާ ދާއިރާ
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފުގެ އަމިއްލަ ދާއިރާ ކަމަށްވާ ފަރެސްމާތޮޑާއިން ވެސް ޕީއެންސީއަށް ލިބުނީ ނާކާމިޔާބީއެވެ. ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރުގެ އަމިއްލަ ރަށުން އިދިކޮޅު އެމްޑީޕީ ކުރި ހޯދުމުން އެނގިގެންދަނީ ބާރުގެ ގާތުގައި ތިބުމަކީ ނުވަތަ ވަޒީރުކަން ފަދަ މަތީ މަގާމުތަކުގައި ތިބުމަކީ ދާއިރާގެ ތާއީދު ކަށަވަރުވާ ކަމެއް ނޫން ކަމަށެވެ.
ފިޔޯރީ
އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. މުއްތަލިބުގެ ރަށް ކަމަށްވާ ފިޔޯރީއިން ފެންނަ ނުފެންނަ ވޯޓުގައި %68 މީހުން ބުނެފައިވަނީ ދެއިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. ނަމަވެސް މުއްތަލިބުގެ އާއިލީ ނުފޫޒު ބޮޑު މިރަަށުން ކައުންސިލްގެ ގޮނޑިތައް ޕީއެންސީއަށް ލިބިފައިވެއެވެ.
ވިލިމާލެ
އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އަމިއްލަ ދާއިރާ ކަމަށްވާ ވިލިމާލޭގައި ޕީއެންސީގެ ކެންޑިޑޭޓް ގޮނޑި ކާމިޔާބު ކުރި ނަމަވެސް، ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު ފާއިތުވި އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ވޯޓާއި އަޅާބަލާއިރު މިއީ ސަރުކާރަށް ބޮޑު ބައްޔެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ފާހަނގަ ކުރެއެވެ. މިއީ އެންމެ އިސް ގާނޫނީ ލަފާދޭ ބޭފުޅާގެ އަމިއްލަ ގޭދޮށުން ލިބުނު އަޚްލާގީ ނާކާމިޔާބީއެކެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހަކު ބޭއްވުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، 69 އިންސައްތައާ ގާތްކުރާ އަދަދަކަށް ރައްޔިތުން ބުނީ "ނޫނެކޭ" އެވެ. މިއީ ސަރުކާރުން ބާރުތައް އެއްކުރުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ރައްޔިތުން ދެކޭކަން ހާމަވެއެވެ.
މި އިންތިޚާބުގެ ނަތީޖާއިން އެނގިގެންދަނީ ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ފަނޑުވަމުންދާ ކަމެވެ. ބާރުގެ ގާތުގައި ތިބުމަކީ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބޭނެ ކަމެއް ނޫންކަން މި ވަނީ ސާބިތުވެފައެވެ. ސަރުކާރުގެ އިސް ބޭފުޅުންގެ އަމިއްލަ ދާއިރާތަކުން ލިބުނު މި ނިކަމެތި ނަތީޖާއަކީ ސަރުކާރުގެ ސިޔާސަތުތައް މުރާޖައާ ކުރަންޖެހިފައިވާ ކަމުގެ ރަތް ސިގްނަލެކެވެ.
ނަމަވެސް ރައީސް މުއިއްޒު މިހާތަނަށް އަމަލުކޮށްފައިވާ ގޮތުން ބޮޑަށް ބެލެވެނީ ދެން "ހިފާނީ ބަދަލެއް" ކަމަށެވެ. ހަސަދަވެރިކަމެއް ނެތް ވެރިކަމެއްކަމަށް ދައުވާކުރާ މިސަރުކާރުން މިކަމުގައި އަމަލު ކުރާނެ ގޮތެއް ބަލާލަމާ ހިނގާށެވެ.






ރިއެކްޓް