ސިޔާސީ , ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު: ގައްދޫ ދާއިރާގެ ދެރަށުން ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު

6 އޭޕްރީލް 2026 - 09:49
ލޯކަލް ކައުންސިލް އިންތިޚާބު: ގައްދޫ ދާއިރާގެ ދެރަށުން ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގައްދޫ ދާއިރާގެ ދެރަށުން ވެރިކަންކުރާ ޕީއެންސީއަށް ބޮޑުތަނުން ނޫނެކޭ ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި މިދާއިރާގެ ދެރަށް ކަމަށްވާ ވާދޫ އަދި ގައްދޫއިން އެ ދެރަށުގެ ކައުންސިލްގެ "ސުޕަމެޖޯރިޓީ" ނަގާފައިވަނީ އިދިކޮޅު އެމްޑީޕީއިންނެވެ.

މިގޮތުން ގައްދޫ ކައުންސިލްގެ ރައީސްކަން އެމްޑީޕީގެ ކެންޑިޑޭޓް އިލްހާމް ރަޝީދު ކާމިޔާބުކޮށްފައިވަނީ 200 އެއްހާ ވޯޓުގެ ތަފާތުންނެވެ. އަދި ވާދޫގެ ކައުންސިލް ރައީސްކަން ލަމްއާން ވަހީދު ކާމިޔާބުކުރެއްވީވެސް ތަފާތުބޮޑު ނަތީޖާއަކުންނެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ މިއީ ވާދޫ ކައުންސިލްގެ ރައީސްކަން އެމްޑީޕީ އިން ވާދަކުރި ކެނޑިޑޭޓަކަށް ލިބުނު ފުރަތަމަ ފަހަރު ކަމެވެ.

ޕީއެންސީ ސަރުކާރުގެ ކެބިނެޓް މިނިސްޓަރ އިސްމާޢީލް ޝަފީޢު ނިސްބަތްވާ މި ދާއިރާގެ ގައްދޫ ކައުންސިލް 5 ގޮނޑީީގެ ތެރެއިން 4 ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު 5 ވަނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓެވެ. މިއީ ގައްދޫ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

ވާދޫ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވި އެއް މެންބަރަކު އިންތިޚާބުވެފައިވާއިރު، އަންހެނުންނަށް ޚާއްްސަ މެންބަރުކަން އަދި ރައީސްކަމުގެ މަގާމް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީއިންނެވެ.

ފާހަގަކޮށްލެވޭ އެއްކަމަކީ ނިމިގެންދިޔަ މި އިންތިޚާބު ކާމިޔާބު ކުރެއްވުމަށް މިނިސްޓަރ ޝަފީޢާއި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ބުރަ މަސައްކަތްތަކެއް ކުރިނަމަވެސް ދާއިރާގެ ރައްޔިތުންގެ ހިތުން މި ދެބޭފުޅުންނަށް އަދި ޕީއެންސީއަށް ޚާއްސަ ޖާގައެއް ނުލިބުނު ކަމެވެ.

މިދެބޭފުޅުންނަށްވެސް ދާއިރާއިން "ވޯޓުން" ދިން މެސެޖަކީ އަދި މިހާތަނަށް މިނިމުނު ބައި ދިޔައީ ރަނގަޅަކަށް ނޫންކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި "ފެންނަ ނުފެންނަ" ވޯޓުގައި ދާއިރާގެ ރައްޔިތުން ނޫނެކޭ ބުނެފައިވަނީ އެމީހުން އުއްމީދުކުރި މިންވަރު ދާއިރާގެ މެންބަރަށާއި ޕީއެންސީ ސަރުކާރަށް ނުދެއްކުމުން ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1