ޚަބަރު

ގައްދޫ ވޯޓުލާ މަރުކަޒުގައި ފުލުހަކު އާއްމު މީހެއްގެ ގައިގައި އަތްލުމުން މާރާމަރީއެއް ހިނގައިފި

4 އޭޕްރީލް 2026 - 13:20
ގައްދޫ ވޯޓުލާ މަރުކަޒުގައި ފުލުހަކު އާއްމު މީހެއްގެ ގައިގައި އަތްލުމުން މާރާމަރީއެއް ހިނގައިފި

ގދ. ގައްދޫ ވޯޓްލާ މަރުކަޒުގައި ފުލުހަކު އާއްމު ރައްޔިތެއްގެ ގައިގައި އަތްލުމުން އުފެދުނު ހަމަނުޖެހުމުގައި ފުލުހުންނާއި ވޯޓުލާ މަރުމަޒުގައި ތިބި އާއްމުންނާއި ދެމެދު މާރާމާރީއެއް ހިނގައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ވޯޓު ފާހަގަ ޖަހާ އިރު ވޯޓުލުމުގެ ސިއްރުކަން ގެއްލޭ ގޮތަށް ހުރުމުން ވޯޓުލާން ހާޒިރުވެތިބި އާއްމުންނާއި އިލެކްޝަނުގެ އޮފިޝަލުން ކުރި ޒުވާބެއް ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކު އާއްމު ރައްޔިތަކު ކޮއްޕާލުމާއި ގުޅިގެންނެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި އާއްމުންގެ އަންހެނަކާއި ފިރިހެނަކަށް އަނިޔާވި ކަމަށާއި ފަރުވާ ދިނުމަށް ގައްދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ވޯޓުލާ ސަރަހައްދުގައި ހުރި "ވިރާސީ" ގެ މޮނީޓަރު މަޢުލޫމާތު ދެއްވި ގޮތުގައި މި ހަމަނުޖެހުމުގައި ފުލުހުން މުގުރު ބޭނުންކުރުމުގެ ސަބަބުން އިތުރު ފަރާތްތަކަށްވެސް ވަނީ ކުދި އަނިޔާ ވެފައެވެ.

ވޯޓުލާން ގޮސްތިބި އާއްމުންގެ ޝަކުވާތަކަށް އިލެކްޝަނުގެ އޮފިޝަލުން ގައްދޫގެ ދެ ފޮއްޓެއްގައި ވޯޓު ކަރުދާސް ފާހަގަޖެހުމުގެ އިންތިޒާމު ބަދަލުކޮށްފައިވާ ކަމަށާއި ހަމަނުޖެހުން އުފެދުނީ އާއްމުން ބޭނުންވީ ގޮތަށް ބަދަލު ނުކުރި ގައްދޫގެ 1 ނަންބަރު ފޮށީގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަމަނުޖެހުމުގެ ސަބަބުން ވޯޓުލުން މެދުކަނޑާލާފައިވީ ނަމަވެސް މިހާރު ވޯޓުލުން ފަށާފައިވާކަމަށް ގައްދޫގައި ހަރަކާތްތެރިވާ އިލެކްޝަނުގެ އޮފިޝަލަކު މަޢުލޫމާތު ދެއްވައެވެ.

ގައްދޫ ދާއިރާގެ މާލޭ ފޮށިތަކުގެ ކައިރީގައިވެސް ވޯޓުގެ ސިއްރުކަން ގެއްލޭ މައްސަލަ ބޮޑުވެ ވޯޓުލުން މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް ދިމާވި މައްސަލަތައް ހައްލުކޮށް ކުޑައިރުކޮޅެއްގެ ތެރޭގައި ވޯޓުލުން ވަނީ އަލުން ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1