ފައިސާ ނެތިގެން އަބޫދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރ ކޮށްފި
ދައުލަތުގެ މާލީ ހާލަތު ދަށްވެ މި މަހުގެ ނިޔަލަށް ދިވެހި ސަރުކާރުން އަދާކުރަންޖެހޭ އަބޫދާބީ ފަންޑުގެ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވަރ ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، 500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ވަނީ ދައްކައި ހަލާސްކޮށްފައެވެ. އެއާއެކު ދައުލަތުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވުގައި ހުރީ 1.27 ބިލިއަން ޑޮލަރެވެ. ނަމަވެސް އޭގެ ތެރެއިން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ އެންމެ 337 މިލިއަން ޑޮލަރެވެ.
އެސްޑީއެފްގައި ހުރި ކަމަށް ބުނާ 350 މިލިއަން ޑޮލަރާއި ބޭނުންކުރެވޭ ރިޒާވް އެއްކޮށްލުމުން ޖުމްލަ 687 މިލިއަން ޑޮލަރު ހުރި ނަމަވެސް، ސުކޫކަށް ފައިސާ ދެއްކުމަށްފަހު މިހާރު ހުންނާނެ ކަމަށް ލަފާކުރެވެނީ 162.32 މިލިއަން ޑޮލަރެވެ.
ކަން މިހެން ހުރި ނަމަވެސް ސަރުކާރުން ވަނީ ދައުލަތުގެ މާލީ ހާލަތު ދަށްވެފައި ނުވާކަމަށް ބުނެފައެވެ.






ރިއެކްޓް