މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހާ ޕޮލިހަށް ހާޒިރުވެއްޖެ
މާލޭގެ މަޖީދީ މަގުން ކަފިހި ހުރަސްމަތިން މީހަކު ހުރަސްކުރަނިކޮށް، ސައިކަލުން ޖައްސައި ފިލި މައްސަލާގައި ހޯދަން އިއުލާނުކުރި މީހާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ރޭގެ ވަގުތެއްގައި ފުލުހަށް ހާޒިރުވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް ކުރިން ހިންގި އިމާރާތް ކުރިމަތީގައި އޮންނަ ކަފިހި ހުރަހެއްގެ މަތީގައެވެ. އެ މީހާ ސައިކަލުން ޖެހުމުގެ ސަބަބުން މަގު ހުރަސްކުރި މީހާ ބިންމައްޗަށް ވެއްޓުނު ނަމަވެސް، ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ވަނީ އެ ސަރަހައްދުން ފިލާފައެވެ.
ފުލުހުން އިއްޔެ ވަނީ އެ ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއަކާއި، އެ މީހާ މާލޭގެ އެކި ސަރަހައްދުތަކުން ދަތުރުކުރި ސީސީޓީވީ ފޫޓޭޖުތައް އާންމުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި އާންމުކުރި ވީޑިއޯއާ ގުޅިގެން އެ މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވި ނަމަވެސް، އެ މީހާގެ ވަނަވަރާއި އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކްސިޑެންޓުވުމަށްފަހު މަޑުނުކޮށް ފިލާ މައްސަލަތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ






ރިއެކްޓް