އިންތިހާބަށް ސަރުކާރުން ދޭ ވަޒީފާތަކާއި ޕްރޮމޯޝަންތަކަށް ހަރަދު ކުޑަކުރުމުގެ ނަމުގައި ބަދަލުގެންނާނެ: އަމީރު
އިންތިޚާބާ ދިމާކޮށް ސަރުކާރުން ދެމުންދާ ވަޒީފާތަކާއި ޕްރޮމޯޝަންތަކަކީ ވަގުތީ ކަމެއް ކަމަށާއި، އިންތިޚާބަށްފަހު ޚަރަދު ކުޑަކުރުމުގެ ނަމުގައި އެ ކަންކަމަށް ބަދަލު ގެންނާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. އިއްޔެ އެމްޑީޕީން ބޭއްވި ޕިކަޕް ބުރުގައި ވާހަކަދައްކަވަމުން އަމީރު ވަނީ މިހާރުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތީ މުޅިން ވަޅުޖެހިފައި ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވަމުންދާ ކަމަށެވެ. އަދި ހަނގުރާމައިން ރާއްޖެ އަށް ކުރާ އަސަރުތައް ސަރުކާރުން ފޮރުވިޔަސް އޭޕްރީލް 4 ގެ ފަހުން ޚަރަދުތައް ކުޑަކުރަން ފަށާނެކަން ކަނޑައެޅިގެން އެނގޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "މިހާރު އަޅުގަނޑުމެންނަށް ފެނިދާނެ، ވަޒީފާތަކަށް ގިނަ މީހުންތައް ނަގާ ތަން. ޕްރޮމޯޝަން ދޭ ތަން. އެކަމަކު ވެސް އަޅުގަނޑު ހަމަ އާދަޔާއެކު ދަންނަވަނީ، ޔަޤީނޭ، ޔަޤީނޭ އެޕްރީލު ހަތަރެއް ފަހުން މި ހުރިހާ އެއްޗަކަށް ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި މި ކަންތައްތައް ބަދަލުކުރާނެ،" އަމީރު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުތަކުން ގެނައި ސިޔާސަތުތަކަކީ 2008 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް އައި އެންމެ ރަނގަޅު ތަރައްޤީ ކަމަށް އަމީރު ސިފަކުރެއްވިއެވެ. އެގޮތުން މިނިމަމް ވޭޖާއި، ހިލޭ ޑިގްރީ، އާސަންދަ އަދި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކަކީ އެމްޑީޕީގެ ކާމިޔާބީތައް ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރު ވެރިކަމަށް އައީ ދޮގުތަކެއް ހަދައިގެން ކަމަށާއި، ވޭތުވެދިޔަ ދުވަސްތަކުގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނިންމާލެވިފައި ނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވަމުން އަމީރު ވިދާޅުވީ، ސަރުކާރަށް ރަނގަޅު މެސެޖެއް ދެވޭނީ އިންތިޚާބުން ސަރުކާރު ބަލިކޮށްގެން ކަމަށެވެ. އަދި އިންތިޚާބުތައް އެއްކޮށްލައިގެން ޚުދުމުޚުތާރު ވެރިކަމެއް 40 ނުވަތަ 50 އަހަރަށް ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ސަލާމަތްކުރުމަށްޓަކައި، އިންތިޚާބުތައް އެއްކުރުމާ ގުޅޭގޮތުން ނަގާ ރެފްރެންޑަމްގައި "ނޫނެކޭ" ބުނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.






ރިއެކްޓް