ޚަބަރު

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ

1 އޭޕްރީލް 2026 - 14:01
ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ
މިއަދުގެ ހާދިސާގެ މަންޒަރުތަކެއް، ފޮޓޯ: ސޯޝަލް މީޑިއާ

އދ. ފެންފުށި ކައިރީގައި އޮންނަ ވޭލްޝާކް ޕޮއިންޓަށް މޫދަށް އެރި އުޅުނު ޖަރުމަނު ވިލާތުގެ ފަތުރުވެރިއަކު، އުޅަނދެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރުއެވެ. ފެންފުށި ކައިރީގައި އޮންނަ ފެހުރިހި ބަލާ ސަރަހައްދަށް އެރި އުޅުނު މި ފަތުރުވެރިޔާގެ ގައިގައި ބުރަފަތިން ޖެހި މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބުމާއެކު، ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) އަކީ ފެހުރިހި ބަލަން ގިނަ އަދަދެއްގެ ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ސަރަހައްދެކެވެ. މި ސަރަހައްދުގައި މީގެ ކުރިންވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

މިފަދަ ހާދިސާތައް މަދުކުރުމުގެ ގޮތުން، އެންވަޔަރަމަންޓް މިނިސްޓްރީން މީގެ ކުރިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ފެހުރިހި ބަލަން ފަތުރުވެރިން ގޮވައިގެން ސަންޕާ ސަރަހައްދަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުން ވަނީ ލާޒިމްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0