އެމްޑީޕީ އާއި ޕީއެންއެފް އެކުގައި ކައުންސިލް އިންތިހާބު ކާމިޔާބުކުރަން މަސައްކަތްކުރަންޖެހޭ: ރައީސް ނަޝީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިލެކްޝަންގެ ގޮނޑިތައް ކާމިޔާބުކުރުމަށްޓަކައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަޝީދު މިކަމަށް އެދިވަޑައިގަތީ، ޕީއެންއެފްގެ ޓިކެޓުގައި ގދ. ހޯޑެއްދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ތާއީދުކުރައްވައި މިއަދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ނަޝީދު ވިދާޅުވީ މި އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
Loading tweet content... View original tweet
ނަޝީދު ވަނީ ޕީއެންއެފްގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. ހަމައެއާއެކު، އެމްޑީޕީން ވާދަނުކުރާ ތަންތަނުގައި އެ ޕާޓީގެ މެންބަރުންނާއި ތާއީދުކުރާ ފަރާތްތަކުން ޕީއެންއެފްގެ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދަ އިލްތިމާސެއް ކުރެއްވިއިރު، ކުރީގެ ރައީސް ޔާމީންވެސް ވަނީ މިފަހުން މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. ޔާމީން ވިދާޅުވެފައިވަނީ މި އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންނަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ.






ރިއެކްޓް