ފުލުހުންގެ މުސާރަ ބޮޑުކުރީ އިންތިހާބާ ގުޅުވައިގެނެއް ނޫން: ޝިފާން
ފުލުހުންގެ މުސާރައަށް ގެނައި ބަދަލަކީ ކުރިއަށް އޮތް އިންތިހާބާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން ކުރިންވެސް ނިންމާފައިވާ ނިންމުމެއް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ 2026 މާރިޗު 1 އަށް ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައިވާ ގޮތުގެ މަތިން އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށްފައިވާ އެލަވަންސެއްކަމަށެވެ.
މި އެލަވަންސް ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފުލުހުންނަށް ކަމަށް ޝިފާން ވިދާޅުވިއެވެ. އެގޮތުން "މި ބަދަލު ގެނެސްފައިވަނީ، ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށް" ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމް ވޯޓަށް ތިން ދުވަހަށް ވެފައި ވަނިކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަން ހާމަވީ މިއަދު ނެރުނު ސާކިއުލާއަކުންނެވެ. އެ ސާކިއުލާގައި ބުނެފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރައަށް މި ބަދަލު އަންނާނެ ކަމަށެވެ. މިއީ ކުރިން ގެނެސްފައި އޮތް ބަދަލެއް ނަމަވެސް، މީގެ ކުރިން އެ އިދާރާއިން މި ބަދަލު ތަންފީޒުކޮށްފައެއް ނުވެއެވެ.
މި ބަދަލު ތަންފީޒުކުރަން ފަށާފައިވަނީ މި މަހުގެ މުސާރަ ފުލުހުންނަށް ޖަމާކުރަމުންދާ ވަގުތެއްގައެވެ. މިއާއެކު ގިނަ ބަޔަކު ދަނީ މިއީ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަކަށް ކުރި ކަމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.






ރިއެކްޓް