އައްޑޫއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލާގައި މަނީ ލޯންޑަރިންގެ ތަހުގީގެއް ހިންގަނީ
އައްޑޫ ސިޓީއަށް ސިނގިރޭޓުތަކެއް ވަގަށް އެތެރެކުރި މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށުގެ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭތީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅިގެން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް ލަފާދީފިއެވެ.
ޕީޖީ އޮފީހުން މީޑިއާތަކަށް މައުލޫމާތު ގޮތުގައި، ހިތަދޫ ރީޖަނަލް ޕޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަތުލައިގަތް 15 މިލިއަން ރުފިޔާގެ ސިނގިރޭޓު މައްސަލަ ތަހުގީގުކޮށް، މިހާރު ވަނީ ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައެވެ. ނަމަވެސް، މައްސަލައިގެ ބާވަތުން މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބެލެވޭތީ، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ ބައި ތަހުގީގު ކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މި މުދާތައް ރާއްޖެ އެތެރެކޮށްފައިވަނީ "ނެސޯ ހޯމް" ކިޔާ ކުންފުންޏަކުން ވިޔަފާރި މުދަލުގެ ގޮތުގައި ޑިކްލެއާ ކޮށްގެންނެވެ. އެހެންނަމަވެސް، ކަސްޓަމްސްއިން އެ ކޮންޓެއިނަރު ފާސްކުރިއިރު، އޭގެ ތެރެއިން ޑިކްލެއާ ނުކުރާ ގިނަ އަދަދެއްގެ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު ވަނީ ފެނިފައެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކޮންޓެއިނަރުން 368 ފޮށިގަނޑު ނުވަތަ ޖުމްލަ 1،840,000 ސިނގިރޭޓު ސްޓިކް ފެނިފައިވެއެވެ. މިއީ ބޮޑު އަދަދެއްގެ ޑިއުޓީއަށް މަކަރު ހަދަން އުޅުނު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގު ކުރިއަށްދާއިރު، ނެސޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަސަން ދީދީގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ. ދައުލަތުން މިހާރު މަސައްކަތް ކުރަމުންދަނީ މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ބޭނުންވާ އިތުރު ހެކިތައް ހޯދުމަށެވެ.






ރިއެކްޓް