ސިޔާސީ , ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ހުއްޓުވަން އިތުރު މައްސަލައެއް

31 މާރިޗު 2026 - 11:07
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ހުއްޓުވަން އިތުރު މައްސަލައެއް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރެންޑަމް ހުއްޓުވުމުގެ އަމުރަކަށް އެދި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޝުނާނާ ހުށަހެޅުއްވި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ ރިފަރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރުމާއި، އިންތިހާބުގެ މަގުސަދު ސާފުކޮށްދެވިފައި ނުވުމުގެ އިތުރުން، ގާނޫނީ އިޖުރާއަތްތަކާ ހިލާފުވެފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބު ބާއްވަން ނިންމާފައިވަނީ މިނިވަންކަމެއް ނެތި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތާރީހަށް ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށްޓަކައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރަން ޖެހޭއިރު، އެކަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައި ނުވާކަން ޝުނާނާ ފާހަގަކުރައްވާފައިވެއެވެ. އަދި އިންތިހާބަށް ތައްޔާރުވުމަށް ލިބުނު މުއްދަތު ކުރުވުމާއި، ބޭނުންވާ އަސާސީ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޝުނާނާ އެދިވަޑައިގެންފައިވަނީ ރިފަރެންޑަމް ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ. ވަގުތީ އަމުރު ނުލިބިއްޖެ ނަމަ، ވޯޓުގެ ނަތީޖާ އިއުލާނުކުރުން މަނާކުރުމަށާއި، އެ ވޯޓަށް ގާނޫނީ އެއްވެސް ބާރެއް ދިނުން ހުއްޓުވައިދިނުމަށްވެސް އެދިފައިވެއެވެ. މި މައުޟޫއާ ގުޅޭ އެހެން މައްސަލައެއް ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުއެވެ. މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0