ސިޔާސީ , ޚަބަރު

ރެފަރެންޑަމް ހުއްޓުވައިދޭން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ

30 މާރިޗު 2026 - 15:33
ރެފަރެންޑަމް ހުއްޓުވައިދޭން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާލައިފައެވެ.

ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މި މައްސަލައަކީ ރައީސް އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވާ ސުވާލަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އުސޫލުތަކުގެ ބޭރުން ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަކީލު ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅާ ސުވާލަކީ ވަރަށް ސާފު ސީދާ ސުވާލަކަށް ވާންޖެހޭނެ ކަމަށެވެ. "ރައްޔިތުންނަށް ސާފުވާން އެބަޖެހޭ ސުވާލެއް ރައްޔިތުންގެ ކުރިމައްޗަށް އަންނައިރު މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. ގެ ދެވަނަ ނަންބަރުގެ ދަށުން މި ވަނީ ކީއްކަން ރައްޔިތުންނަށް ސުވާލުން ސާފުވާން ޖެހޭ،" ޝިޔާމް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބަދަލުގެ ސަބަބުން މަޖިލީހުގެ އުމުރު ކުރުވާކަން ސުވާލުން އެނގެން އޮންނަން ޖެހޭނެއެވެ.

މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. މީގެ ތެރެއިން ތިން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނުކުރެއްވީ ރައީސް މުއިއްޒު އެވެ.

ބުރާސްފަތި ދުވަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުން ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0