ސިޔާސީ , ޚަބަރު

ލޯފަން މީހުނަށް ނިސްބަތްވި މިސާލު ބަހާ ގުޅިގެން ޝާހިދު މާފަށް އެދިއްޖެ

30 މާރިޗު 2026 - 13:44
ލޯފަން މީހުނަށް ނިސްބަތްވި މިސާލު ބަހާ ގުޅިގެން ޝާހިދު މާފަށް އެދިއްޖެ

ސަރުކާރަށް ފާޑުވިދާޅުވުމަށް ބޭއްވި ޖަލްސާއެއްގައި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނާ ގުޅުވައި ބޭނުންކުރެއްވި މަޖާޒީ މިސާލު ބަހަކާ ގުޅިގެން އެމަނިކުފާނު މާފަށް އެދިވަޑައިގެންފިއެވެ.

ޝާހިދު މިކަމަށް މާފަށް އެދިވަޑައިގަތީ އެ ވާހަކަފުޅާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، "ކަނަކު އިޝާ ނަމާދަށް ދާހެން މަގުމައްޗަށް ނުކުމެ ލާހުރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މިއޮތީ،" ކަމަށެވެ. އަދި ސަރުކާރަށް މެނިފެސްޓޯއެއް ތަރުތީބުކޮށްގެން ގައުމު ހިންގަން ނޭނގޭ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެ މިސާލު ބަހަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫން ކަމަށެވެ. ނަމަވެސް، ދިވެހިބަހުގެ ޒަމާންވީ އެ ބަސް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެހާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކުގެ އަރިހުން ދީލަތި މައާފަކަށް އެދޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްތަކެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލުމުގައި އެންމެހާ ބޭފުޅުން ބައިވެރިވުމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. ޝާހިދު ބޭނުންކުރެއްވި މިސާލު ބަހަކީ އާންމުކޮށް ސީދަލަށް ޔަގީންކަމާ އެކު ކުރިއަށް ނުދެވި ހޫރެމުންދާ ދިއުމަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެކެވެ.

ޝާހިދުގެ މި ވާހަކަފުޅާ ގުޅިގެން ބައެއް ފަރާތްތަކުން އޭނާ ދިފާއުކުރަމުން ބުނެފައިވަނީ، މިއީ ދިވެހިބަހުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ މިސާލު ބަސްތަކެއް ކަމަށެވެ. އަދި މިފަދަ ބަސްތައް މައްސަލައަކަށް ވާނަމަ، "ފެތުނު އޮޑީ ރިޔާ ދަށުވިޔަސް ކަނަކު އަތްދަށުނުވާށެވެ" ފަދަ މަޝްހޫރު މިސާލު ބަސްތައް ވެސް ބޭނުން ނުކުރެވޭނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0