މަޝްރޫއުތައް ފެށުމާއި އިންތިހާބު ދިމާވުމަކީ އިއްތިފާގެއް: ރައީސް
މިދުވަސްކޮޅު ރާއްޖޭގެ ކޮންމެ ރަށެއްގައިހެން މަޝްރޫތައް ފެށުމާއި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާވަނީ ވަކި މަޤްޞަދެއްގައި ނޫން ކަމަށާއި، އެއީ ކުރިންވެސް ރޭވިފައިވާ ތާރީޚުތަކެއްގެ މަތިން ހިނގާ އިއްތިފާގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހެދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިޚާބާ ދިމާކޮށް މަޝްރޫޢުތައް ފަށަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ހަމަވާނެ ތާރީޚާއި އިންތިޚާބު ބާއްވަންޖެހޭ މުއްދަތުތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮންނަ އިރު، އިންތިޚާބެއް އޮތުމަކީ ސަރުކާރުގެ މަސައްކަތްތައް ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. އަދި މަސައްކަތްތައް މަޑުޖައްސާލައިގެން ތިބުމަކީ ޣައިރު ޒިންމާދާރު ކަމެއްކަމަށެވެ.
މި އަހަރުގެ ބަޖެޓަކީ ވަރަށް އުންމީދީ އަދި ހަޤީޤަތާ އެއްގޮތަށް ރޭވިފައިވާ ބަޖެޓެއްކަމަށާއި، 2025 އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ވެފައިވާ ހުރިހާ ވަޢުދުތަކެއްގެ ޢަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި މަސައްކަތްތައް ބަހާލެވިފައިވަނީ ކުއާޓާ ތަކަކަށް ކަމަށާއި، ފުރަތަމަ ކުއާޓާގައި ފަށަން ހުރި މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހައުސިންގ މަޝްރޫޢުތައް ފަދަ ބޮޑެތި މަސައްކަތްތައް ވައުދާ އެއްގޮތަށް ނުފުއްދި ވާކަންވެސް ރައީސް ޤަބޫލުކުރެއްވިއެވެ. ޚާއްޞަކޮށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކުރިއަށްދާ ޕްރޮސެސްތަކާއި، އެގްރީމަންޓްތަކުގައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއަތްތަކަކީ ވަރަށް ވަގުތު ނަގާ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޢަމަލީ މަސައްކަތަށް ދިއުމުގެ ކުރިން ހަދަންޖެހޭ ޑީޓެއިލް ޑިޒައިންތަކާއި ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަލާ ރިޕޯޓް (EIA) ފަދަ ކަންކަމަށް ވަގުތު ހޭދަވިކަން ބަޔާންކުރެއްވިއެވެ.
މިހާރު ކުރިއަށްދާ ހައުސިންގ މަޝްރޫޢުތަކަކީ ފުރަތަމަ ކުއާޓާގައި ފަށަން ރޭވިފައިވާ މަސައްކަތްތަކެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.






ރިއެކްޓް