ޚަބަރު

ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި ސަމާހުގެ މައްޗަށް އަނެއްކާވެސް ކުށް ސާބިތުވެއްޖެ

30 މާރިޗު 2026 - 08:02
ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި ސަމާހުގެ މައްޗަށް އަނެއްކާވެސް ކުށް ސާބިތުވެއްޖެ
ފޮޓޯ: ސުޕްރީމް ކޯޓު ވީޑިއޯ

ކ. ކާށިދޫގައި ޑިއުޓީގައި ހުއްޓާ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، އެ ރަށު ސުވާސާގެ، މުހައްމަދު ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، 29 މާރިޗު 2026 ގައި ކްރިމިނަލް ކޯޓުން މިގޮތަށް ހުކުމްކުރީ ސުޕްރީމް ކޯޓުގެ އަމުރަށް މި މައްސަލަ އަލުން ބެލުމަށްފަހުގަ އެވެ. މި ހާދިސާ ހިނގާފައިވަނީ 23 ޖުލައި 2012 ދުވަހު އާދަމް ހަލީމް ރަސްމީ ޑިއުޓީ އަދާކުރަމުން ދަނިކޮށެވެ.

މި މައްސަލާގައި މުހައްމަދު ސަމާހުގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލާފައިވަނީ 29 ޖުލައި 2012 ގަ އެވެ. އެ ފަހަރުވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 14 ޖަނަވަރީ 2013 ގައި ކްރިމިނަލް ކޯޓުން އޭނާ މެރުމަށް ހުކުމްކުރި އެވެ. އެ ހުކުމް ހައިކޯޓުން 30 ސެޕްޓެންބަރު 2020 ގައި ދެމެހެއްޓި ނަމަވެސް، ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، 23 ސެޕްޓެންބަރު 2024 ގައި ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުތަކުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން، ސަމާޙުގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަރުހަލާ މިހާރު ވަނީ ފެށިފަ އެވެ. އެގޮތުން، މަރާލި ސާޖަންޓު އާދަމް ހަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން 2 އެޕްރީލް 2026 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

މި މައްސަލައަކީ ފުލުހަކު ޑިއުޓީގައި ހުއްޓާ ރަހުމުކުޑަ ގޮތަކަށް ހަމަލާދީ މަރާލާފައިވާތީ، މުޖުތަމައުގެ ސަމާލުކަން ބޮޑުވި މައްސަލައެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0