ޚަބަރު

ސަރުކާރުތަކަށް މަޖިލިސްގެ ކޮންޓްރޯލް ލިބުނަސް ރައްޔިތުންނަށް ހެވެއް ނޯންނާނެ: އިބުރާ

29 މާރިޗު 2026 - 15:56
ސަރުކާރުތަކަށް މަޖިލިސްގެ ކޮންޓްރޯލް ލިބުނަސް ރައްޔިތުންނަށް ހެވެއް ނޯންނާނެ: އިބުރާ
ފޮޓޯ: ސަން އޮންލައިން

އެއްވެސް ސަރުކާރަކަށް ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަން ލިބުމަކީ ރައްޔިތުންނަށް އޭގެ އެއްވެސް ފައިދާއެއް ނުވަތަ ރަނގަޅެއް އޮތް ކަމެއް ނޫން ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މީސްމީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އިބްރާ ވިދާޅުވީ، ވޯޓުލާން ދާ ދުވަހު ރައްޔިތުންގެ އަތަށް ލިބޭ ކަރުދާސްކޮޅުން، އެ ރައްޔިތުން ވޯޓުލާ ގޮތަކުން ގާނޫނުއަސާސީއަށް އަންނާނީ ކޮން ބަދަލެއްކަން ފެންނާކަށް ނޯންނަ ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ރައްޔިތުން އަނދިރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ތެރޭގައި ތިއްބަވާ ބޭފުޅުންނަށް އިޝާރާތް ކުރައްވައި އިބްރާ ވިދާޅުވީ، ސަރުކާރުގެ ތެރޭގައިވެސް އެންމެން ތިބޭނީ އެއް ވިސްނުމެއްގައި ނޫން ކަމަށާއި، އެންމެން އެއްފަރާތަކުން ހޭވައްލާ ކިޔާފައި ނުކުންނަ ހިސާބުންވެސް މިއީ ރައްޔިތުންނަށް ރަނގަޅަށް ކުރާ ކަމެއް ނޫންކަން އެނގޭ ކަމަށެވެ. "އެންމެން ހޭވަލްއާ ކިޔާ ނުކުންނަ ހިސާބުންވެސް އެބަ އެނގޭ އަސްލު ރައްޔިތުންނަށް މީގަ ރަނގަޅެއް ނޫންކަން،" އިބްރާ ވިދާޅުވި އެވެ.

މީގެއިތުރުން، މިހާރު އޮތް ގާނޫނުއަސާސީގެ ދަށުން ކަންކަން ކުރަން ރައްޔިތުންނަށް ވައުދުވެ، އެ ވައުދުގެ މައްޗަށް ރައްޔިތުން ވޯޓު ދީގެން ހޮވުމަށްފަހު، ގާނޫނުއަސާސީގައި އޮތްގޮތަށް އަމަލުކުރަން މާތްﷲ ގަންދީ ހުވައިކޮށްގެން ތިބެ، އެއާ އެއްގޮތަށް އަމަލު ނުކުރެވެންޏާ އިސްތިއުފާ ދޭންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިބްރާ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި ބާއްވާ ބޮޑު ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ސަރުކާރުންނާއި ސިޔާސީ އެކި ފަރާތްތަކުން ބަހުސް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0