އެޕްރީލް މަހަކީ މިއަހަރުގެ އެންމެ ހޫނުގަދަ މަސް: މެޓް
މި ފެށޭ އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ.
މި ދުވަސްވަރު ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުވަނީ އުޑުމަތީގައި ވިލާ މަދުވެފައި، ވައިމަޑުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާތީ، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. ޚާއްސަކޮށް ރާއްޖޭގެ އެހެން ހުރިހާ ހިސާބުތަކަށްވުރެ މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ގަދަކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުވެސް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވަރަށް ބޮޑަށް އަވިގަދަވެ ހޫނުވާނެކަމަށް ލަފާކުރެވެއެވެ. "ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސަރައިގެ އަސަރު ވަރަށް ކުޑަ. ހަމަ ވަރަށް އަވިގަދަކޮށް އޮންނާނީ ކުރިއަށްމިއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގަވެސް. އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ،" ހުސައިން ވަހީދު ވިދާޅުވިއެވެ.
މޫސުމާބެހޭ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައެއް ނުވެއެވެ. ވާރޭވެހުން މަދުވުމަކީވެސް މިހާ ބޮޑަށް ހޫނުގަދަވާ ސަބަބެކެވެ. ނަމަވެސް އެޕްރީލް މަހުގެ މެދުތެރެއާ ހިސާބަށް ދާއިރު މިހާރު މިވާ ހޫނުމިން ނިމުމަކަށް އަންނާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ހޫނުގަދަވުމުގެ ސަބަބުން ސިއްޙީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކަށް ރިއާޔަތްކޮށް، އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތުމަތު ޝަބާނާ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. ޝަބާނާ ވިދާޅުވީ ހޫނުގެ ސަބަބުން ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުންވުމުގެ އިތުރުން ހަންގަނޑު އެދުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށެވެ.
މިކަންކަމުން ސަލާމަތްވުމަށްޓަކައި ގިނައިން ފެން ބުއިމަށާއި، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުދިއުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހޭ ހާލަތްތަކުގައިވެސް އަވިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.






ރިއެކްޓް