ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމުން ބަލައިނުގަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށް އަންގައިފި
ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް އިއުތިރާޒުކޮށް، އެ އެއްބަސްވުން ބަލައިނުގަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސި ސަރުކާރަށް އަންގަވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްލަހަތުތަކަށް ރިއާޔަތްނުކޮށް ނިންމާފައިވާ މި ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، މި ނިންމުމާ މެދު އޮތް ކަންބޮޑުވުންތައް ލިޔުމުންނާއި ފޯނުން އިނގިރޭސި ވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ޑޭވިޑް ލެމީއަށް މިހާރު ވަނީ އަންގާފައެވެ. ދިވެހިރާއްޖެއިން ވަކާލާތު ކުރަނީ ޗާގޯސްގެ މައްޗަށް ރާއްޖޭގެ ތާރީޚީ އަދި އިދާރީ ގުޅުންތަކެއް އޮތް ކަމަށާއި، އެ ސަރަހައްދުގެ މިލްކުވެރިކަން އެހެން އެއްވެސް ގައުމަކަށް ލިބޭނަމަ، އެންމެ ފުރަތަމަ އެ ހައްގު ލިބެންޖެހޭނީ ދިވެހިރާއްޖެއަށް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މި މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުތަކުން މޮރިޝަސްއާ އެއްކޮޅަށް މީގެ ކުރިން ނިންމާފައިވާ ނިންމުންތައް ދިވެހި ސަރުކާރުން މިހާރު ދަނީ މުރާޖައާ ކުރަމުންނެވެ. ޗާގޯސްގެ މައްސަލައިގައި ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ ކޯޓު (އައި.ސީ.ޖޭ) އަށް މައްސަލަ ހުށަހެޅުން ހިމޭނޭހެން، ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމީ އެތަނުގައި އޮންނަ އަސްކަރީ މަރުކަޒުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމާ ދެކޮޅު ހެއްދެވުމާ ގުޅިގެން މިހާރު މި މަސައްކަތް އޮތީ މަޑުޖެހިފައެވެ.
މީގެ އިތުރުން ޗާގޯސްގެ އަސްލު ވަޒަންވެރިންނާއި އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީތަކުން ވެސް ދަނީ މި އެއްބަސްވުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.






ރިއެކްޓް