ސިޔާސީ , ޚަބަރު

ރައްޔިތުންގެ ބާރު އަމިއްލައަށް އިހްތިޔާރު ކުރަން ބޭނުންނަމަ، ނޫނެކޭ ބުނޭ: ރައީސް ޔާމީން

28 މާރިޗު 2026 - 10:41
ރައްޔިތުންގެ ބާރު އަމިއްލައަށް އިހްތިޔާރު ކުރަން ބޭނުންނަމަ، ނޫނެކޭ ބުނޭ: ރައީސް ޔާމީން

ރައްޔިތުންގެ ބާރު އަމިއްލައަށް އިހްތިޔާރު ކުރަން ބޭނުންވާ ނަމަ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް "ނޫނެކޭ" ބުނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފެރެންޑަމްގައި ވެސް ސަރުކާރާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް ޔާމީން ވަނީ ގޮވާލައްވާފައެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީއެންސީއަށް ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމުންވެސް ރައްޔިތުންނަށް ކުރިއެރުމެއް ނުލިބި، ރައްޔިތުން ބިކަވެފައިވާ ކަމަށެވެ. އަދި ރައްޔިތުން އަދިވެސް ތިބީ އަޅުވެތިކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވެ، ކައުންސިލްތަކުގެ ބާރު ޕީއެންސީއަށް ދޭން ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޕީއެންސީއަށް ވެރިކަން ލިބިއްޖެ. ޕީއެންސީއަށް ރައްޔިތުންގެ މަޖިލިސް ލިބިއްޖެ. އެކަމަކު ރައްޔިތުންވީ ބިކަ. ރައްޔިތުންނަށް ކުރިއެރުމެއް ނާދޭ. އަދިވެސް އަޅުވެތިކަމުގައި މިގެންގުޅެނީ. އެހެންވީމަ ކީއްކުރަންތޯ އަނެއްކާ ޕީއެންސީއަށް ކައުންސިލް ދޭންވީ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން މި ސަރުކާރު ޖަވާބުދާރީ ކުރުވަން ލިބޭނެ އެންމެ ފަހު އަދި އެންމެ ވަރުގަދަ ފުރުސަތަކީ ކައުންސިލް އިންތިހާބެވެ. އެހެންކަމުން، ރައްޔިތުންގެ ބާރު އަމިއްލައަށް އިހްތިޔާރު ކުރަން ބޭނުންވާ ނަމަ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. މި އިންތިހާބުގައި ޔާމީން ތާއީދުކުރައްވަނީ ޕީއެންއެފްގެ ކެންޑިޑޭޓުންނާއި މިނިވަން ކެންޑިޑޭޓުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

ޕީއެންސީން ރައްޔިތުންނަށް ދިން ފިލާވަޅަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ފިލާވަޅެއް ނޫން ކަމަށާއި، ލޯތްބާއެކު ވެރިކަމަށް ގެނައުމުން ރައްޔިތުން ބިކާރީންނަށް ހަދާފައިވާ ކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0