ސިޔާސީ , ޚަބަރު

ސަރުކާރަށް އާއެކޭ ބުނަންޖެހޭ އެއްވެސް ސަބަބެއް ނެތް: ފައްޔާޒް

28 މާރިޗު 2026 - 09:43
ސަރުކާރަށް އާއެކޭ ބުނަންޖެހޭ އެއްވެސް ސަބަބެއް ނެތް: ފައްޔާޒް

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި މިހާރު ވެރިކަންކުރާ ނާގާބިލު ޕީއެންސީގެ ސަރުކާރަށް އާއެކޭ ބުނަންޖެހޭ އެއްވެސް ސަބަބެއް ދިވެހި ރައްޔިތުންނަށް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ ރައްޔިތުން އެތައް ޒަމާނަކުން ހޯދި ސިޔާސީ ޙައްޤުތަކާއި މިނިވަންކަމާ ގުޅުންހުރި ޙައްޤުތައް މި ސަރުކާރުން ނިގުޅައިގަންނަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، "އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އަޅުގަނޑުމެންގެ ދުސްތޫރާ އެގޮތަށް އަންނަ ދޫންޏަކަށް އައިސް ޖަހައިގަނެގެން ނުދެވޭނެ ބަދަލުތަކެއް ހިފައިގެން އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަރިހަށް ކުރިއަށް އޮތް ތާނގައި އަންނާނެ،" ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލީ އާއްމު ރައްޔިތު މީހާއަކީ ފުދުންތެރި މީހަކަށް ހެދުމަށް ކަމަށާއި، ނަމަވެސް މިއަދުގެ ވެރިންގެ ވިސްނުމެއް ނެތުމުން އެ އިޤްތިޞާދު ފުނޑުފުނޑުވަމުންދާ ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ފުވައްމުލަކަށް ލޯކަލް ޓުއަރިޒަމްގެ ބޮޑު މަންފާއެއް ލިބެމުންދާކަން ފާހަގަކުރައްވައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި މިޔަރު ހިފުން މަނާކުރުމަކީ އެ ސިޓީއަށް ލިބުނު "ރަންވަޅެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ. ނަމަވެސް މިހާރު މިޔަރު ހިފުން ހުއްދަކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ފުވައްމުލަކަށް ކުރާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަމައެކަނި ސިޔާސަތަކީ އިޤްތިޞާދު ހަލާކުކޮށްލުމަށްފަހު ރައްޔިތުންނަށް ދައުލަތުގެ ވަޒީފާ ދިނުން ކަމަށެވެ. "ވަޒީފާގެ ކަރުމަޅި ދިވެހި ރައްޔިތުން ގައިގައި އެދަނީ ދުވަހެއް ދުވަހަކަށް އަޅުއްވަމުން ގިނަކުރަމުން. ބޭނުމަކީ ގަދަކަމުން ވެރިކަންކުރުން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ދޮގާއި، މަކަރާއި، ނާޤާބިލުކަން މިއަދު ހުރިހާ ރައްޔިތުންނަށް ވެސް ސާފުވެފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުންނަށް ނިންމުނީ ނުބައި ނިންމުމެއް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ލިބިފައި އޮތް ބޮޑު ނިޢުމަތެއް ބޭރުވެފައިވާ ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތިލަފަތަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0