އަޅުގަނޑުމެން މި ކުރާ ދަތުރު ނިންމާލާނީ އަނެއްކާވެސް ދިވެހިރާއްޖެ އަނބުރާ ހޯދައިގެން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ ފުވައްމުލަކު ސިޓީއަށް އެމް.ޑީ.ޕީން ކުރިމަތިލާފައިވާ ޤާބިލު ކެންޑިޑޭޓުންނަކީ ރާއްޖެ އަނބުރާ ހޯދުމަށް ކުރާ ދަތުރުގެ މުހިންމު ފަޅުވެރިން ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށަކުން މިފަދަ ފަޅުވެރިން ހޮވައިފި ނަމަ، މި ދަތުރު ކާމިޔާބުވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެހެންކަމުން ހިތްވަރާއެކު ނިކުމެ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން ހޮވުމަށް އޭނާ ރައްޔިތުންނަށް ގޮވާލެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ރައްޔިތުން އެތައް ޒަމާނަކުން ހޯދި ސިޔާސީ ޙައްޤުތަކާއި މިނިވަންކަމާ ގުޅުންހުރި ޙައްޤުތައް ނިގުޅައިގަންނަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. "އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އަޅުގަނޑުމެންގެ ދުސްތޫރާ އެގޮތަށް އަންނަ ދޫންޏަކަށް އައިސް ޖަހައިގަނެގެން ނުދެވޭނެ ބަދަލުތަކެއް ހިފައިގެން އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަރިހަށް ކުރިއަށް އޮތް ތާނގައި އަންނާނެ،" ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމް.ޑީ.ޕީގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލީ އާއްމު ރައްޔިތު މީހާއަކީ ފުދުންތެރި މީހަކަށް ހެދުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޓެކްސް ނިޒާމާއި ރަށު ފަތުރުވެރިކަން ތަޢާރަފުކުރީ ފަޚުރުވެރި އަދި މިނިވަން ދިވެހި ރައްޔިތެއް އުފެއްދުމަށް ކަމަށާއި، ނަމަވެސް މިއަދުގެ ވެރިންގެ ވިސްނުމެއް ނެތުމުން އެ އިޤްތިޞާދު ފުނޑުފުނޑުވަމުންދާ ކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ.
ފުވައްމުލަކު ސިޓީއަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ، އެމް.ޑީ.ޕީގެ ސަރުކާރުން ގެނައި ޢުމްރާނީ ތަރައްޤީގެ އިތުރުން، ލޯކަލް ޓުއަރިޒަމްގެ މަންފާ އެ ސިޓީއަށް ބޮޑުތަނުން ލިބެމުންދާ ކަމަށެވެ. ވަކިން ޚާއްސަކޮށް، އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި މިޔަރު ހިފުން މަނާކުރުމަކީ ފުވައްމުލަކަށް ލިބުނު "ރަންވަޅެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ނަމަވެސް، މިހާރު މިޔަރު ހިފުން ހުއްދަކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ފުވައްމުލަކަށް ކުރާނެ ކަމުގެ ކަންބޮޑުވުން ފައްޔާޒް ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރުގެ ވެރިންނަށް ކަންކަން ކުރަން ނޭނގުމުގެ އިތުރުން، ރަނގަޅަށް އޮތް އެތައް ކަމެއް ރޫޅާލަމުންދާ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރަށް "އާއެކޭ" ބުނަންޖެހޭ އެއްވެސް ސަބަބެއް މިއަދު ރައްޔިތުންނަށް ނެތް ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދީގެން، އަލުން އަނބުރާ ދިވެހިރާއްޖެ ހޯދުމުގެ ދަތުރު ފަށަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒްގެ ވާހަކަ ނިންމާލެއްވީ އެމް.ޑީ.ޕީއަށް ފުވައްމުލަކުން ދިން ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވަމުންނެވެ.






ރިއެކްޓް