ސިޔާސީ , ޚަބަރު

ރައީސް މުޢިއްޒުގެ ހަމައެކަނި އިޤްތިޞާދީ ސިޔާސަތަކީ ވަޒީފާ ދިނުން: ފައްޔާޒް

28 މާރިޗު 2026 - 09:00
ރައީސް މުޢިއްޒުގެ ހަމައެކަނި އިޤްތިޞާދީ ސިޔާސަތަކީ ވަޒީފާ ދިނުން: ފައްޔާޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަމައެކަނި އިޤްތިޞާދީ ސިޔާސަތަކީ ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލައި، ދިވެހި ރައްޔިތުންނަށް ވަޒީފާ ދިނުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން ނައްތާލުމަށް ކަމަށެވެ. އެގޮތުން މަސްވެރިކަން ހުއްޓުވައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑުފުނޑުކޮށްލަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އިޤްތިޞާދު ހަލާކުކޮށްލުމަށްފަހު، ރައްޔިތުން ކައިބޮއެ އުޅުމަށްޓަކައި ދައުލަތުން ދޭ ވަޒީފާއަށް ދާން މަޖުބޫރުކުރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވަޒީފާގެ ކަރުމަޅި ދިވެހި ރައްޔިތުން ގައިގައި އެދަނީ ދުވަހެއް ދުވަހަކަށް އަޅުއްވަމުން ގިނަކުރަމުން. ބޭނުމަކީ ގަދަކަމުން ވެރިކަންކުރުން. މަޖުބޫރުކޮށްގެން ވަޒީފާގެ ބިރުދައްކައިގެން އެ މަނިކުފާނު ބޭނުންވާ ގޮތަކަށް ތިބޭފުޅުން ބައްޓަންކުރުން،" ފައްޔާޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ފަޚުރުވެރި ދިވެހިން ނިކަމެތިކޮށްލައި، އިސް އުފުލާލައިގެން އުޅުނަނުދިނުމަށް ކުރާ ކަމެއް ކަމަށެވެ.

ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރުގެ ދޮގާއި، މަކަރާއި، ނާޤާބިލުކަން މިއަދު ހުރިހާ ރައްޔިތުންނަށް ވެސް ސާފުވެފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުންނަށް ނިންމުނީ ނުބައި ނިންމުމެއް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ލިބިފައި އޮތް ބޮޑު ނިޢުމަތެއް ބޭރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރަށް "އާއެކޭ" ބުނަންޖެހޭ އެއްވެސް ސަބަބެއް މިއަދު ރައްޔިތުންނަށް ނެތް ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދީގެން، އަލުން އަނބުރާ ދިވެހިރާއްޖެ ހޯދުމުގެ ދަތުރު ފަށަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ ކެންޑިޑޭޓުންނަކީ އެ ދަތުރުގައި ތިއްބަވާނެ ޤާބިލު ފަޅުވެރިން ކަމަށް ސިފަކުރައްވަމުން، ފައްޔާޒް ވަނީ ހުރިހާ ރައްޔިތުންވެސް ތިލަފަތަށް ވޯޓު ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0