ސިޔާސީ , ޚަބަރު

މުއިއްޒަކީ ރައްޔިތުންނަށް އޮޅުވާލުމާ، މަކަރުހެދުމާ، ގުނބޯ ހެއްދުމުގެ ލާމަސީލު މިސާލެއް: ޔާމީން

27 މާރިޗު 2026 - 08:35
މުއިއްޒަކީ ރައްޔިތުންނަށް އޮޅުވާލުމާ، މަކަރުހެދުމާ، ގުނބޯ ހެއްދުމުގެ ލާމަސީލު މިސާލެއް: ޔާމީން
ކުރީގެ ރައީސް އަބްދުالله ޔާމީން. ފޮޓޯ: ވިރާސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް އޮޅުވާލުމާއި، މަކަރުހެދުމާއި، ރައްޔިތުން ގުނބޯ ހެއްދުމުގެ ލާމަސީލު މިސާލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ 'ޗަގޯސް' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ރައީސް މުއިއްޒުގެ ސިފަތައް އަޅާކިޔުއްވާފައިވަނީ ކުރީގައި ރާއްޖޭގައި ރަސްކަން ކުރެއްވި ކަޅު މުހައްމަދު ރަސްގެފާނުގެ ސިފަތަކާ އެވެ. ޔާމީން ވިދާޅުވީ ކަޅު މުހައްމަދުވެސް އެދުވަސްވަރު އޭނާގެ ރަސްކަން ދިފާއު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދިޔަ ކަމަށާއި، މިއަދު ރައީސް މުއިއްޒުވެސް ކުރައްވަމުން ގެންދަވަނީ އެއް މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެއްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖަލްސާ ނިންމަވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ފަދައިން 'އަނެއް ދިވެހިރާއްޖެ' ހޯދަން މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ. މިއީ މިހާރު އޮތް ހާލަތުން ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0